ހަފްތާއެއްގައި ހަތް ދުވަސް ހިމެނުމަކީ އިންސާނުން ވަރަށް ކުރީ ޒަމާނެއްގައި އުފެއްދި ހިޔާލެކެވެ. މިއީ އެތައް ހާސް އަހަރެއް ވީ ގަދީމީ ނިޒާމެކެވެ. ތާރީހީ ގޮތުން ބަލާއިރު މިކަމުގެ ފެށުން ގުޅިފައިވަނީ ދުނިޔޭގެ ކުރީގެ ހަލޯރަތްތަކާ އެވެ. މިއަދު އަޅުގަނޑުމެން ބޭނުންކުރާ ހަފްތާގެ ދުވަސްތަކުގެ ނިޒާމު އުފެދިގެން އައި ގޮތް ވަރަށް ޝައުގުވެރި އެވެ.
ތާރީހީ ލިޔުންތަކުން ދައްކާ ގޮތުގައި ހަފްތާގެ ދުވަސްތައް ބަހާލުމުގެ އެންމެ ކުރީގެ ފެށުން ގުޅިފައިވަނީ މެސޮޕޮޓޭމިއާ ނުވަތަ މިހާރުގެ އިރާގު ހިމެނޭ ސަރަހައްދުގެ މީހުންނާ އެވެ. މީލާދީން 2000 އަހަރު ނުވަތަ 1500 އަހަރު ކުރިން ބާބިލްގެ މީހުން (ބެބިލޯނިއަންސް) ވަނީ ހަފްތާއަކީ ހަތް ދުވަސް ކަމަށް ކަނޑައަޅާފަ އެވެ. އެ ޒަމާނުގެ މީހުން މި ދުވަސްތަކަށް ނަން ދިނުމުގައި ބެލީ އުޑުމަތިން އެމީހުންނަށް ފެންނަން ހުރި ކަންކަމަށެވެ. އެގޮތުން އިރާއި ހަނދުގެ އިތުރުން އޭރު އެމީހުންނަށް ފެންނަން ހުރި ފަސް ޕްލެނެޓަށް ނިސްބަތްކޮށް ދުވަސްތަކަށް ނަން ދިނެވެ.
އޭގެ ފަހުން ޔަހޫދީންގެ ސަގާފަތުގެ ތެރޭގައި ވެސް ހަފްތާގެ ހަތް ދުވަސް ބޭނުންކުރަން ފެށި އެވެ. އެމީހުން ދުވަސްތައް ގުނަމުން އައީ ދުނިޔެ އުފެއްދެވުމުގެ ވާހަކައާ ގުޅުވައިގެން، ފުރަތަމަ ދުވަސް، ދެވަނަ ދުވަސް މިގޮތަށް ތަރުތީބުންނެވެ. ނަމަވެސް ރޯމަނުން މިކަން ބަދަލުކުރި އެވެ. މީލާދީން އެއްވަނަ ގަރުނުގެ ތެރޭގައި ރޯމަނުން ވަނީ އެމީހުންގެ ކަލާނގެތަކަށް ނިސްބަތްކޮށް ދުވަސްތަކަށް ނަން ދީފަ އެވެ. މިސާލަކަށް ސަންޑޭ ނިސްބަތްވަނީ އިރަށެވެ. މަންޑޭ ނިސްބަތްވަނީ ހަނދަށެވެ. އަދި ސެޓަޑޭ ނިސްބަތްވަނީ ސެޓާން އަށެވެ. މި ނަންތައް މުޅި ޔޫރަޕަށް ފެތުރިގެން ދިޔަ އެވެ.
އަރަބިންގެ ތެރޭގައި ވެސް އިސްލާމް ދީން އައުމުގެ ކުރިން ހަފްތާގެ ދުވަސްތަކަށް ވަކި ނަންތަކެއް ކިޔައި އުޅުނެވެ. ނަމަވެސް އަރަބިންގެ އާދަކާދައިގައި ދުވަސްތަކަށް ނަން ދީފައި ހުންނަނީ ޔަހޫދީންނެކޭ އެއްފަދައިން ނަންބަރު ތަރުތީބުންނެވެ. އިސްލާމް ދީން އައުމަށް ފަހު ވެސް އަރަބި ބަހުގައި ދުވަސްތަކަށް ކިޔާ ނަންތައް ބިނާވެފައިވަނީ ގިނައިން މި ތަރުތީބުގެ މައްޗަށެވެ. އެހެންކަމުން ހަފްތާގެ ދުވަސްތައް ކަނޑައެޅިފައި މިވަނީ އެކި ޒަމާންތަކުގެ ތަފާތު ސަގާފަތްތަކުގެ މައްޗަށް ބިނާކޮށެވެ.
ދެނަހުރީމުތަ؟
ހަފްތާގެ 7 ދުވަސް ކަނޑައެޅީ މެސޮޕޮޓޭމިއާ މީހުން

އެހެނިހެން ލިޔުން