ސައުދީ އަރަބިއްޔާގެ އާންމުކޮށް ހޫނުގަދަ ސަރަހައްދުތަކަށް މޫސުން ބަދަލުވެ، އުތުރުގެ ސަހަރާތަކަށް ބޯކޮށް ސްނޯ ފައިބައި މުޅި މާހައުލު ހުދުކުލައިގެ ރަޖާއަކުން ފޮރުވާލައިފި އެވެ.
އާންމު ގޮތެއްގައި ގަދަ ހޫނުމިނެއް ހުންނަ މި ސަރަހައްދުގެ ވެލި ފަރުބަދަތައް ސްނޯއިން ފޮރުވިފައިވާ މަންޒަރަކީ ވަރަށް ނާދިރު އަދި އެހާމެ ރީތި މަންޒަރަކަށް ވުމުން، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފަ އެވެ. މި ދުވަސްވަރަކީ ސައުދީއަށް ފިނި މޫސުން ކަމަށް ވީނަމަވެސް، މިހާ ގިނައިން ސްނޯ ފައިބައި ސަހަރާގެ ބިންތައް ފޮރުވިގެން ދިޔުމަކީ އާދަޔާ ހިލާފު ކަމެކެވެ.
ރަން ކުލައިގެ ވެލިގަނޑުގެ މަތީގައި ހުދު ސްނޯގެ ފަށަލައެއް ލެވިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. ހާއްސަކޮށް އެ ސަރަހައްދުގައި ގެންގުޅޭ ޖަމަލުތައް ސްނޯގެ ތެރޭގައި ހިނގާފައި ދާ މަންޒަރަކީ ގިނަ ބަޔަކު އަޖައިބު ކުރުވާ ފަދަ ކަމަކަށް ވަނީ ވެފަ އެވެ. މި ހިތްގައިމު މަންޒަރު ލޮލުން ދެކިލައި ތަޖުރިބާ ކޮށްލުމަށްޓަކައި، އެ ގައުމުގެ އެކި ހިސާބުތަކުންނާއި ޓޫރިސްޓުން ވެސް ދަނީ ސްނޯ ފައިބާފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރަމުންނެވެ.
މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ގޮތަކަށް ސަހަރާގެ ސަރަހައްދުތަކަށް ސްނޯ ފައިބަމުންދަނީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުންނެވެ. މި ސަރަހައްދުތަކުގެ ފިނިހޫނުމިން ބައެއް ވަގުތުތަކުގައި މައިނަސް ޑިގްރީއަށް ވެއްޓިފައިވާއިރު، ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. ސްނޯގެ ސަބަބުން މަގުތަކާއި ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ސަމާލުވުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފަ އެވެ.
