ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އާއި ސުޕަސްޓާރު އާމިރު ހާން އަލުން އެކުގައި މަސައްކަތް ފަށައި، މަޝްހޫރު ފިލްމު "3 އިޑިއަޓްސް" ގެ ސީކުއެލްއެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގެ އުފާވެރި ހަބަރު ލިބިއްޖެއެވެ.
މީގެ 15 އަހަރު ކުރިން ނުކުތް މި ފިލްމަކީ އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ފިލްމެވެ.މި ދެ ފަންނާނުން އެކުގައި އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ "ޕީކޭ" ގައެވެ. އެހެންކަމުން މި ފިލްމުގެ ދެވަނަ ބައި އަންނަކަން ޔަގީންވުމުން ފޭނުން ވަނީ ވަރަށް ބޮޑަށް އުފާވެފައެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ފިލްމުގެ ނަމަކަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ "4 އިޑިއަޓްސް" އެވެ.މިހާރު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމި، ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު، ފިލްމުގެ ޓީމުން އަންނަނީ ފިލްމުގައި ހިމެނޭނެ ހަތަރު ވަނަ ލީޑު އެކްޓަރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ރޯލަށް ނަގާނީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށް ބެލެވެއެވެ. މިއީ ކުރިން ފެނުނު ތިން އެކުވެރިންގެ ގްރޫޕަށް އިތުރުވާ އާ މެމްބަރެކެވެ.
މި ފިލްމުގެ ވާހަކަ ކުރިއަށް ދާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުން ފެށިގެން 15 އަހަރު ފަހުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އާމިރު ހާންގެ އިތުރުން، ކުރީގެ ފިލްމުގައި މުހިއްމު ރޯލުތަކުން ފެނުނު އާރް މާދަވަން، ޝަރުމާން ޖޯޝީ އަދި ކަރީނާ ކަޕޫރު ވެސް މި ސީކުއެލްއިން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ މި ތަރިންގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ފުރަތަމަ ފިލްމުގައި ގެނެސްދިން ފަދަ މުހިއްމު އިޖްތިމާއީ މެސެޖުތަކެއް މި ފިލްމުން ވެސް ފެނިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
2009 ވަނަ އަހަރު ރިލީޒްކުރި "3 އިޑިއަޓްސް" އަކީ ބޮކްސް އޮފީހުގައި 200 ކްރޯޑު ރުޕީސް ހޯދި ފުރަތަމަ އިންޑިއާ ފިލްމެވެ. އެ ފިލްމުގައި ދައްކުވައިދިނީ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކާއި ކުދިންނަށް ކުރިމަތިވާ ޕްރެޝަރުތަކެވެ. "4 އިޑިއަޓްސް" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމު ވެގެންދާނީ ރާޖްކުމާރު ހިރާނީ އާއި އާމިރު ހާންގެ ކާމިޔާބު ސިލްސިލާއަށް އިތުރުވެގެންދާނެ ބޮޅަކަށެވެ.
