އެމެރިކާގެ ލޮސް އެންޖެލިސްގެ ހޮލީވުޑްގައި ފުލުހުންނަށް ވަޅިން ހަމަލާދޭން އުޅުމުގެ ތެރޭގައި ބަޑިޖަހައި މަރާލި މީހާގެ ވަނަވަރު ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) އިން ހާމަކޮށްފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ހުއާން ގެރޭރޯ ރޯހޯ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވީ ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހޮލީވުޑްގެ ނޯތު ބްރޮންސަން އެވެނިއުގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައީ މީހަކު އަމިއްލައަށް މަރުވާން އުޅޭކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. ފުލުހުން އެތަނަށް ދިޔައިރު އެމީހާ ހުރީ ވަޅިއެއް ހިފައިގެން ކަމަށާއި، އޭނާ ހުރީ ވަރަށް ނުތަނަވަސް ވެފައިވާ ހާލަތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކުރިމަތިލުމުގައި ފުލުހުން ވަނީ އެމީހާ ކޮންޓްރޯލް ކުރުމަށްޓަކައި މީހުން މަރުނުވާ ފަދަ ހަތިޔާރު (ލެސް-ލީތަލް ފޯމް ލޯންޗަރު) ބޭނުންކޮށްފައެވެ. ނަމަވެސް އޭގެން އެއްވެސް ނަތީޖާއެއް ނުފެނުނު ކަމަށާއި، އެވަގުތު އެމީހާ އަތުގައި އޮތް ވަޅި ހިފައިގެން ފުލުހުންނާ ދިމާއަށް ދުއްވައިގަތީ ކަމަށް އެލްއޭޕީޑީ އިން ބުންޏެވެ. ފުލުހުން ބަޑިޖަހަން ޖެހުނީ އެމީހާ ހުއްޓުވުމަށް ކުރި އެހެން މަސައްކަތްތައް ނާކާމިޔާބުވުމުން، އޮފިސަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުން ތަހުގީގު ޓީމުތަކުން ވަނީ އެމީހާ ގެންގުޅުނު ވަޅި ހޯދާފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، މި ހާދިސާގައި ފުލުހުންގެ އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެލްއޭޕީޑީ އިން ވަނީ ކަށަވަރުކޮށްދީފައެވެ. މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.
