ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޮބް ރައިނާ އާއި އޭނާގެ އަންހެނުން މިޝެލް ސިންގާ ރައިނާ، އެމީހުން ދިރިއުޅޭ ގޭގައި މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގެ ބްރެންޓްވުޑްގައި ހުންނަ އެމީހުންގެ ގެއިން ހަށިގަނޑު ފެނުނުއިރު، މި މައްސަލައިގެ ތުހުމަތު ކުރެވެނީ އެ ދެމަފިރިންގެ ދަރިފުޅު ނިކް ރައިނާ އަށެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ.


މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި ރޮބް ރައިނާ، 78، އާއި މިޝެލް، 70، ގެ ހަށިގަނޑު ފެނުނީ އެމީހުންގެ އަންހެން ދަރިފުޅަށެވެ. ޕޯސްޓްމޯޓަމް ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ދެމީހުން މަރުވެފައިވަނީ ތޫނު އެއްޗަކުން ދީފައިވާ ގިނަ ހަމަލާތަކެއްގެ ސަބަބުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ދުވަހުގެ ރޭ ނިކް ރައިނާ، 32، ހައްޔަރުކޮށްފައެވެ. އަދި ޕްރޮސެކިއުޓަރުން ވަނީ ގަސްތުގައި މީހަކު މެރުމުގެ ދެ ދައުވާއެއް ނިކްގެ މައްޗަށް އުފުލާފައެވެ.


ނިކް ރައިނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އުޅުނު މީހެކެވެ. އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2015 ވަނަ އަހަރު "ބީން ޗާލީ" ގެ ނަމުގައި ފިލްމެއް ވެސް ހަދާފައިވެއެވެ.ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގުމުގެ ކުރިން، ކޯނަން އޯ ބްރަ ބޭއްވި ޕާޓީއެއްގައި ރޮބް ރައިނާ އާއި ނިކް އާ ދެމެދު ޒުވާބެއް ހިނގާފައިވެއެވެ. ނިކް ހައްޔަރުކުރީ ސަންތަ މޮނިކާގެ ހޮޓަލެއްގައި ހުއްޓައި ކަމަށް ފުލުހުންގެ އޮފީހުން ބުނެއެވެ.
ރޮބް ރައިނާ އަކީ "ދަ ޕްރިންސެސް ބްރައިޑް" އާއި "ވެން ހެރީ މެޓް ސެލީ" ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓްކޮށް، "އޯލް އިން ދަ ފެމެލީ" ގައި އެކްޓުކޮށްފައިވާ ފަންނާނެކެވެ. އޭނާ މަރާލުމާ ގުޅިގެން ހޮލީވުޑްގެ ގިނަ ފަންނާނުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. ކޯޓަށް ހާޒިރުކުރުމަށްފަހު ނިކް ރައިނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫނުކުރާ ގޮތަށް ބަންދުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.