މެކްސިކޯގެ ސަގާފީ ބަނަހަށް ފާޑުކިޔައި، އެއީ "ހުތުރު" އެއްޗެއް ކަމަށް ބުނުމުން އިނގިރޭސި މަޝްހޫރު ބޭކަރަކަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ މެކްސިކޯގެ ކާބޯތަކެތީގެ ސަގާފަތަށް އިހުތިރާމް ކުޑަކޮށްފައިވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

މި މައްސަލަ ހޫނުވެފައިވަނީ މަޝްހޫރު ޓީވީ ޝޯއެއްގެ ތެރޭގައި މި ބޭކަރު ދެއްކި ވާހަކަަތަކަކާ ގުޅިގެންނެވެ. އޭނާ ވަނީ މެކްސިކޯގެ "ޕަން ޑުލްސޭ" ނުވަތަ ފޮނި ބަނަސް ފަދަ ތަކެތި ހަދާ ގޮތަށާއި އޭގެ ސިފައަށް މަލާމާތްވާ ގޮތަށް ވާހަކަ ދައްކާފައެވެ. އޭނާ ބުނި ގޮތުގައި އެ ތަކެތި ފެންނަ ފެނުމަށް ރީއްޗެއް ނޫނެވެ. މިއާއެކު މެކްސިކޯގެ މީހުންނާއި ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހުން ބުނެފައިވަނީ، އެހެން ގައުމުތަކުގެ ސަގާފީ ކެއުންތަކަށް ފާޑުކިޔާއިރު އެ ތަކެތީގެ އަސްލާއި ތާރީހު ދެނެގަތުން މުހިންމު ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ބަނަހާއި މެކްސިކޯގެ ބަނަސް ތަފާތު ވުމަކީ އެއީ "ހުތުރު" އެއްޗަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.