ދެކުނު އެފްރިކާގައި އަންހެނަކު ކޮވިޑް19 އިން ރަނގަޅު ނުވާތާ ހަތް މަސް ދުވަސް ވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ކޮވިޑުން ރަނގަޅުނުވެ ދިގު މުއްދަތެއް ހޭދަކުރަން ޖެހިފައި މިވާ މީހަކީ އެޗްއައިވީ ބަލި ތަހައްމަލުކުރާ 36 އަހަރުގެ އަންހެނެއް ކަމަށް ދެކުނު އެފްރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.
އޭނާ ފުރަތަމަ ކޮވިޑަށް ފައްސިވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ. އޭގެ ފަހުން އަދިވެސް އޭނާ ކޮވިޑުން ރަނގަޅު ވެފައެއް ނުވެއެވެ.
ކޮވިޑުން ރަނގަޅު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާ މީހާގެ ކިބައިން ސައިންސްވެރިންނަށް ފާހަގަ ކުރެވުނު ކަމަކީ އޭނާގެ ހަށިގަނޑުގެ ތެރޭގައި 30 އަށްވުރެ ގިނަ ފަހަރަކު ކޮވިޑް ވައިރަސް މިއުޓޭޓް ވެފައިވާ ކަމެވެ. ނުވަތަ ވައިރަސް އަށް ބަދަލުތަކެއް އައިސްފައިވާ ކަމެވެ.
ދެކުނު އެފްރިކާ އިން ބުނާ ގޮތުގައި އެޗްއައިވީ ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި މިހައި ގިނަ ދުވަސް ވަންދެން ކޮވިޑް ވައިރަސް ހުރުން އެއީ ވަރަށް ބޮޑު ނުރައްކަލެކެވެ. ސަބަބަކީ ދެކުނު އެފްރިކާ އާއި އަދި އެފްރިކާގެ ގިނަ ގައުމުތަކަކީ އެޗްއައިވީ ބަލި މީހުން ގިނަ ގައުމުތަކަކަށް ވާތީއެވެ. މީގެ އިތުރުން އެގޮތަށް ގިނަ ދުވަހު ވައިރަސް ހުންނަ ނަމަ، ވައިސް މިއުޓޭޓްވެ (ބަދަލު އައިސް) އައު ވޭރިއަންޓުތައް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އދ. ގެ ތަފާސް ހިސާބުތައް ބުނާގޮތުން ދެކުނު އެފްރިކާގައި އެޗްއައިވީ ޖެހިފައި މިހާރު 7.5 މިލިއަން މީހުން ތިބޭނެއެވެ. ދެކުނު އެފްރިކާގައި އެޗްއައިވީ ޖެހިފައި ތިބި މީހުންގެ ތެރެއިން %10 މީހުންނަށް އެމީހުންނަށް އެޗްއައިވީ ޖެހިފައި ހުންނާނެކަން ނޭނގެއެވެ.
އެޗްއައިވީ ޖެހިއްޖެނަމަ މީހެއްގެ ދިފާއީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށި ކޮއްލައެވެ. އެހެންކަމުން އެޗްއައިވީ ޖެހިފައިވާ މީހަކަށް ކޮވިޑް ޖެހިއްޖެނަމަ ހާލަތު އިތުރަށް ގޯސްވެއެވެ.
