އެމެރިކާގެ ތާރީހުގައި ދިގު މުއްދަތަކަށް ބޭނުންކުރަމުން އައި އެއް ސެންޓުގެ ފައިސާ ފޮތި ނުވަތަ "ޕެނީ" ޖެހުން ރަސްމީކޮށް ހުއްޓާލުމަށް ފަހު، އެންމެ ފަހުން އުފެއްދި ހާއްސަ ފޮތިތައް ނީލަމުގައި ވިއްކާލައިގެން 16.76 މިލިއަން ޑޮލަރުގެ ރެކޯޑު އާމްދަނީއެއް ހޯދައިފިއެވެ.
ސްޓެކްސް ބަވަރސް ގެލެރީޒް އިން ކުރިއަށް ގެންދިޔަ މި ހާއްސަ ނީލަމުގައި ވިއްކާލާފައި ވަނީ 2025 ވަނަ އަހަރު ޕެނީ ޖެހުން ހުއްޓާލުމުގެ ކުރިން ތައްޔާރުކުރި އެންމެ ފަހުގެ "ލެގަސީ" ސެޓުތަކެވެ.
މި ނީލަމުގައި ޖުމްލަ 232 ސެޓު ވިއްކާލިއިރު، މިއީ އެމެރިކާގައި ޕެނީ ޖަހަން ފެށިތާ 232 އަހަރު ވެފައިވާތީ އެ ތާރީހު ރަމްޒުކޮށްދިނުމަށް ކަނޑައެޅި އަދަދެކެވެ. މީގެ ކޮންމެ ސެޓެއްގައި ފިލަޑެލްފިއާ އަދި ޑެންވާގައި ޖެހި އާދައިގެ ޕެނީއަކާއި، 24 ކެރެޓުގެ ރަނުން ތައްޔާރުކޮށްފައިވާ ހާއްސަ ޕެނީއެއް ހިމެނެއެވެ.
މިއިން ކޮންމެ ފޮތިއެއްގައި ވަނީ ޕެނީގެ ދައުރު ނިމުނުކަން އަންގައިދިނުމަށް "އޮމެގާ" ނިޝާން ޖަހާފައެވެ. މީގެ ތެރެއިން އެންމެ ފަހު ސެޓު ނީލަމުގައި ވިކިފައި ވަނީ އަށް ލައްކަ ޑޮލަރުގެ ބޮޑު އަގަކަށެވެ. އެ ސެޓު ގަތް ފަރާތަށް އެ ފޮތިތައް ޖެހުމަށް ބޭނުންކުރި އަސްލު ލޯގަނޑު ވެސް ވަނީ ހަވާލުކޮށްފައެވެ.
އެމެރިކާއިން އެއް ސެންޓުގެ ފޮތި ޖެހުން ހުއްޓާލަން ނިންމީ، އޭގެ މޫނުމަތީ އަގަށް ވުރެ އެ އުފެއްދުމަށް ހިނގާ ހަރަދު މާ ބޮޑުވުމުގެ ސަބަބުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ސެންޓެއް އުފެއްދުމަށް ސަރުކާރުން ގާތްގަނޑަކަށް ހަތަރު ސެންޓު ހަރަދުކުރަން ޖެހެއެވެ.
މިއީ އިގްތިސާދީ ގޮތުން ގެއްލުން ބޮޑު ކަމެއް ކަމަށް ވާތީ އެމެރިކާގެ ސަރުކާރުން ވަނީ މި ފޮތި ޖެހުން ހުއްޓާލުމަށް އަމުރުކޮށްފައެވެ. ނަމަވެސް، މީގެ ކުރިން ބާޒާރަށް ނެރެފައިވާ ފައިސާ ފޮތިތައް ކުރިއަށް އޮތް ތަނުގައިވެސް މުއާމަލާތްތަކުގައި ބޭނުން ކުރެވޭނެއެވެ.
