އޮކްސްފޯޑް ޑިކްޝަނަރީން ކޮންމެ އަހަރަކު ހޮވާ "ވޯޑް އޮފް ދަ އިޔާ" ނުވަތަ އަހަރުގެ ބަހަކަށް، 2025 ވަނަ އަހަރަށް "ރޭޖް ބެއިޓް" ކަނޑައަޅައިފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ ޕްރެސްއިން މިކަން ހާމަކޮށްފައިވާއިރު، މި ބަހަކީ ސޯޝަލް މީޑިއާގައި މީހުން ރުޅިއަރުވައިގެން ނުވަތަ ނުރުހުން އުފެދޭ ގޮތަށް ކޮންޓެންޓް އުފައްދައި، އެއަށް ކޮމެންޓާއި ޝެއާ އިތުރުކުރުމަށް ބޭނުންކުރާ އުކުޅަށް ކިޔާ ނަމެކެވެ. މިއީ އިންޓަނެޓް ބޭނުންކުރާ މީހުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަހެއް ކަމަށް އޮކްސްފޯޑުން ބުނެ އެވެ.

މިއަހަރުގެ ބަސް ހޮވުމަށް އާންމުންނަށް ހުޅުވާލި ވޯޓުގައި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. "ރޭޖް ބެއިޓް" އާ އެންމެ ގާތުން ވާދަކުރީ "އޯރާ ފާމިން" ކިޔާ ބަހެކެވެ. އޮކްސްފޯޑުން ބުނި ގޮތުގައި މި ބަސް ހޮވުމުން ދޭހަވަނީ މިހާރު ސޯޝަލް މީޑިއާގެ އެލްގޮރިޒަމްތައް މަސައްކަތްކުރާ ގޮތާއި، މީހުންގެ ސަމާލުކަން ހޯދުމަށް ނެގެޓިވް ވާހަކަތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމެވެ. މިގޮތަށް ކަންތައް ކުރުމުން މުޖުތަމައުގެ މެދުގައި ރުޅިވެރިކަން އިތުރުވެ، ދޮގު މައުލޫމާތު ފެތުރުމަށް މަގުފަހިވާކަން ވެސް އެ ފަރާތުން ފާހަގަކުރެ އެވެ.

ފާއިތުވި އަހަރުތަކުގައި އޮކްސްފޯޑުން ހޮވާފައިވާ ބަސްތަކުގެ ތެރޭގައި "ރިޒް" އަދި "ގޮބްލިން މޯޑް" ހިމެނޭއިރު، އެ ބަސްތަކުން ވެސް އޭރު އޮތް އިޖުތިމާއީ ހާލަތު ރަމްޒުކޮށްދެ އެވެ. ބަހުގެ މާހިރުން ގަބޫލުކުރާ ގޮތުގައި 2025 ވަނަ އަހަރުގެ ބަހަކަށް "ރޭޖް ބެއިޓް" ވުމަކީ ހަމައެކަނި އިންޓަނެޓްގެ ބަހުރުވައަށް އައި ބަދަލެއް ނޫނެވެ. މިއީ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އޮންލައިންކޮށް މުއާމަލާތްކުރުމުގައި ގެންގުޅޭ ނުރައްކާތެރި އާދަތަކަށް އަލިއަޅުވާލާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެ އެވެ.