ކޮންމެ ގޭބިސީއެއްގައިވެސް ކިރު ބޭނުންކުރާކަން އެނގި ހާމައެވެ. އެހެންނަމަވެސް، ކިރު ކައްކާއިރު ގިނައިން ފޮނުއަރާ ޕޮޓުން ނުވަތަ ތެލިން ބޭރަށް ބަންޑުންވާ މައްސަލައަކީ ވަރަށް އާންމު މައްސަލައެކެވެ. މިކަމުގެ ސަބަބުން ކިރު ބޭކާރުވެ، އުންދުނާއި ބަދިގެތައްވެސް ހަޑިވެއެވެ. ނަމަވެސް މިހާރު، މި މައްސަލައަށް އީޖާދީ ހައްލެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިރަކީ ހަށިގަނޑަށް ވަރަށް މުހިންމު ކާނާގެ ބާވަތެކެވެ. ޖަރާސީމު ނައްތާލުމަށް ކިރު ބޭނުންކުރުމުގެ ކުރިން ކައްކަން ޖެހެއެވެ. ނަމަވެސް، ކިރު ކައްކަން އުނދުނު މަތީގައި ބަހައްޓާފައި ކުޑަ ވަގުތުކޮޅަކަށްވެސް އެހެން ކަމަކަށް ސަމާލުކަން ދެވިއްޖެނަމަ ނުވަތަ ބަދިގެއިން ދުރަށް ދެވިއްޖެނަމަ، ކިރު ކެކކިގަނެ ފޮނުއަރާ ތެލިން ބޭރަށް ބަންޑުންވުމަކީ ވަރަށް އާންމު ކަމެކެވެ. މިކަމުގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ އިތުރުން ، ބަދިގެވެސް ހަޑިވެ، ސާފުކުރަން އުނދަގޫވެއެވެ.

މިހާރު މި މައްސަލައަށް ސާދާ ހައްލެއް ހޯދައިފިއެވެ. އެއީ ކިރު ބަންޑުންވުމުގެ ކުރިން އިންޒާރުދޭނެ ޑިވައިސްއެކެވެ. މި އީޖާދުކޮށްފައިވަނީ އިންޑިއާގެ ހައިދަރުއާބާދުގައި ދިރިއުޅޭ، 13 އަހަރުގެ މޮޅު ކުއްޖެއް ކަމަށްވާ ވެދާތު އެވެ. މި ޑިވައިސް ތައްޔާރުކުރަން ހަރަދުވީ އެންމެ 1,500 އިންޑިއާ ރުފިޔާ (ގާތްގަނޑަކަށް 280 ދިވެހި ރުފިޔާ) އެވެ.


"މިލްކް އޯވަރފްލޯ ޑިޓެކްޓަރ"ގެ ނަމުން ނަންދީފައިވާ މި ޑިވައިސްއަކީ އިންފްރާރެޑް (އައި.އާރު) ސެންސަރެއް ބޭނުންކޮށްގެން މަސައްކަތްކުރާ އެއްޗެކެވެ. ކަރަންޓުގެ އެހީތެރިކަމެއް ނެތިވެސް މި ޑިވައިސް މަސައްކަތްކުރެއެވެ. ކިރު ކެކިގަންނަން ކައިރިވުމުން އަންނަ ހޫނުމިނުގެ ވަކި ބަދަލުތައް މި ސެންސަރުން ދެނެގަނެއެވެ. ކިރު ވަކި ހޫނުމިނަކަށް ދިއުމުން، ސެންސަރުން ސިގްނަލެއް ސަރކިޓަކަށް ފޮނުވައެވެ. މި ސިގްނަލް ލިބުމުން ބަޒަރއެއްގެ އަޑު އިއްވައި، ބަދިގޭގައި ހުންނަ ކޮންމެ މީހަކަށްވެސް އިންޒާރު ދެއެވެ.


މި ޑިވައިސް މަސައްކަތްކުރަނީ މޯބައިލް ޕަވަރ ބޭންކަކުން ކަމަށްވުމުން، ކަރަންޓު ކެނޑުނަސް ޑިވައިސް މަސައްކަތްކުރެއެވެ. ވެދާތު ބުނީ، އޭނާ ގޭގައި އުޅެނިކޮށް މަންމަ އުދާނު މަތީގައި ކިރު ބަހައްޓާފައި އެހެން ކަންތައްތަކަށް ދާހިނދު، ކިރު ބަންޑުންވާ މަންޒަރު ގިނަ ފަހަރު ފެނުނު ކަމަށެވެ. އެހެންކަމުން، އެއްދުވަހު ކިރު ކެކިގަންނަން ކައިރިވާކަން ކުރިން ދެނެގަންނާނެ ޑިވައިސްއެއް ހަދަން ނިންމި ކަމަށް އޭނާ ބުންޏެވެ.


ވެދާތު އިލެކްޓްރޯނިކްސް މާކެޓަކަށް ގޮސް އައި.އާރު ސެންސަރާއި، ސަރކިޓުގެ ތަކެއްޗާއި، މޯބައިލް ޕަވަރ ބޭންކާއި، އެހެނިހެން ބައިތައް ގަނެ، އޭނާގެ ރޮބޮޓިކްސް އަދި ސައިންސްގެ އިލްމު ބޭނުންކޮށްގެން މި ނިޒާމު ތަރައްޤީކުރިއެވެ. މި މަޝްރޫޢަށް ޖުމްލަ ގާތްގަނޑަކަށް 1,500 އިންޑިއާ ރުފިޔާ ޚަރަދުވިއެވެ. ވެދާތުގެ މައިންބަފައިން ބުނަނީ، އޭނާ ކުޑައިރުއްސުރެންވެސް ކަންކަން ދެނެގަތުމަށް ބޭނުންވާ، އީޖާދީ ކުއްޖެއް ކަމަށެވެ. ގިނަ ފަހަރު ކުޅޭ އެއްޗެހި ރޫޅާލައިގެން އެތަކެތި މަސައްކަތްކުރާ ގޮތް ދެނެގަނެ، ކުދި މަޝްރޫޢުތަކުން އާ އެއްޗެހި އީޖާދުކުރަން މަސައްކަތްކުރާ ކަމަށެވެ. މި ކާމިޔާބު އީޖާދުގެ ސަބަބުން އެމީހުން ވަރަށް ފަޚުރުވެރިވެއެވެ.