ގިނަ ބެލުންތެރިން އެދިއެދި ތިބި ފުރުސަތު މިވަނީ ޑާކްރެއިން އެންޓާޓައިންމަންޓުން ފަހިކޮށްދީފައެވެ. މިއަހަރު ސިނަމާއިން ފެނިގެންދިޔަ "އަލިފާން " އަދި އަހަރުގެ އެންމެ ފަހު އަދި ލޯބި ފިލްމު ގޮތުގައި ރިލީޒް ކުރި " އަލްވަދާއު" އަނެއްކާވެސް އޮލިމްޕަހުގެ ސްކްރީންގައި އަޅުވަން ނިންމައިފި އެވެ.

"އަލިފާން " 05 ޖެނުއަރީ 2026 ގައި އަނެއްކާވެސް އޮލިމްޕަސް ހޫނުކޮށްލާނެ

ޑާކްރެއިން އެންޓަރޓައިމަންޓްގެ ފިލްމް "އަލިފާން" ވެގެންދިޔައީ ގިނަބަޔަކު ހައިރާންކޮށްލި މޮޅު ފިލްމަކަށެވެ. އޮކްޓޯބަރ 6 ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވި މިފިލް ވެގެންދިޔައި ތަފާތު ލެވަލްއެއްގެ ފިލްމަކަށެވެ. މުޖްތަމައުގެ އަނދިރި ފަރާތުގަައި ހިނގާ ވަރަށް ގިނަ ކަންކަން ދައްކުވައިދިން މިފިލްމު އަދިވެސް ބަލާލަން ބޭނުންވާ ގިނަބަޔަކު އެބަތިއްބެވެ. 

މިހާތަނަށް އެ ފިލްމު ބެލި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެ ފިލްމުގެ ރިވިއު އާއްމުކޮށް ފިލްމުގެ އެކި ކަންކަމަށް ތައުރީފް ކޮށްފަ އެވެ.ފިލްމުގައި ފެނިގެންދިޔަ ތަރިންގެ ހުނަރުވެރި އެކްޓިންއާއި ޓެކްނިކަލް ކަންކަމުގެ އިތުރުން ޑައިރެކްޝަން ވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.

ރާއްޖޭގައި އާއްމު ނޫން ފިލްމު ޖޯންރާއެއް ކަމަށްވާ އެކްޝަން ތްރިލާ އެއްކަމުގައިވާ މިފިލްމުގެ މުހިންމު ރޯލްތަކުން ރަވީ ފާރޫގު، ޝީލާ ނަޖީބު، ޝަރަފް އަބްދުﷲ އަދި މައިހާ އާދަމް ފެނިގެންދިޔައެވެ. މި ފިލްމަކީ ދިވެހިރާއްޖޭގެ ކުށުގެ ވެށި އޮތް ގޮތް ދައްކުވައިދޭ 18 އަހަރުން މަތީގެ އުމުރުފުރާއަށް ހާއްސަ ފިލްމެކެވެ.

"އަލްވަދާޢު " ކިޔާނީ 2026 ޖެނުއަރީގެ 02، 03، 04 އަދި 06 ފަހުން

މިއަަހަރުގެ އެންމެ ފަހު ފިލްމުގެ ގޮތުގައި ޑާކްރެއިން އެންޓަރޓެއިންމަންޓްއިން ގެނެސްދިން ލޯބީގެ ހިތްގައިމު ފިލްމު އަދި އެއްފަހަރު ބަލާލުމުގެ ފުރުސަތަކަށް އެދިއެދި ތިބި ބެލުންތެރިންނަށް ، އަދި މިފިލްމު މިހާތަނަށް ބަލާލުމުގެ ފުރުޞަތު ނުލިބޭ ފަރާތްތަކަށް 2026 ޖެނުއަރީގެ 02، 03، 04 އަދި 06 ގައި މިވަނީ ޝޯތަކެއް އެޅުވުމަށް ހަމަޖެހިފައެވެ.  

އޮލިމްޕަހުގައި އަލްވަދާޢުގެ ކާމިޔާބް ޝޯތަކެއް މިމަހު އެޅުވުމަށްފަހު ސޯޝަލް މީޑިއާގައި ފިލްމް ބެލި މީހުންގެ ކޮމެންޓްތަކާއި އުދާސްތައް ބަންޑުންކޮށްލިއިރު މި ފިލްމު ވެގެންދިޔައީ ބެލުންތެރިންގެ ހިތާކުޅެލި ފިލްމަކަށެވެ. ބައެއް މީހުން ރޮށްވާލިއިރު އަނެއްބައި ބެލުންތެރިން އަލްވަދާޢު ސިފަކުރީ މިއީ އޮލިމްޕަހުން މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތު ފިލްމުގެ ގޮތުގައެވެ. އަދި މިއީ އާއިލާގެ ހުރިހާ އެންމެން އެކުގައި ބަލާލެވޭ ، މުޖުތަމައުގެ ބައެއް ކަންކަމާއި މީގެއިތުރުންވެސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ގުޅުންތަކުގެ މުހިންމު މެސެޖުތަކެއް ލިބިގެންދިޔަ ފިލްމެކެވެ.

"އަލްވަދާއު" ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، ޝީލާ ނަޖީބް ވެސް ފެނިގެންދިޔައެވެ.

އޮލިމްޕަހަށް ނުގޮސް ޓިކެޓް ގަނެލެވޭނެ

ފެށޭ އައު އަަހަރުގެ ޖެނުވަރީ މަހުގެ ދެ ވަނަ ދުވަހުން ޖެނުވަރީ ހަ ވަނަ ދުވަހާއި ހަމައަށް އަޅުވަން ނިންމާފައިވާ މިދެފިލްމުގެ ޝޯތަކަށް ޓިކެޓް ބައްލަވައިގަތުމަށް 9911229 ނަމްބަރަށް ވައިބަރ ކުރުމުން އޮލިމްޕަހަށް ނުގޮސް ޓިކެެޓް ގަނެވޭނޭކަމަށް ޑާކްރެއިންގެ ފަރާތުން ވަނީ މައުލޫމާތުދީފައެވެ.