ވޯނާ ބްރަދާސް ގަތުމަށްޓަކައި ނެޓްފްލިކްސްއިން ހުށަހެޅި އަގު ހަމަޖެއްސުމަށް ނަގާފައިވާ ބޮޑު ލޯނުގެ ބައެއް ރީފައިނޭންސް ކޮށްފައިވާ ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފިއެވެ.
މިއީ މީޑިއާގެ ދާއިރާގައި ހިންގާ އެންމެ ބޮޑު އެއް ވިޔަފާރީގެ މުއާމަލާތަށް ވާއިރު، މިކަމަށްޓަކައި 59 ބިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެއްސުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މުއާމަލާތުގެ ތެރެއިން ނެޓްފްލިކްސްއިން ވަނީ 5 ބިލިއަން ޑޮލަރުގެ ރިވޯލްވިން ކްރެޑިޓް ފެސިލިޓީއެއް ކަށަވަރުކޮށްފައެވެ. މީގެ އިތުރުން 10 ބިލިއަން ޑޮލަރުގެ ދެ ލޯނެއް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މި ފައިސާއަކީ ވޯނާ ބްރަދާސް ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ނެގި ބްރިޖް ލޯނު ފެސިލިޓީގެ ބައެއް ރީފައިނޭންސް ކުރުމަށް ނުވަތަ އަލުން އިންތިޒާމު ކުރުމަށް ބޭނުންކުރާނެ ފައިސާ ކަމަށް އެ ނޫހުން ހާމަކުރެއެވެ.
މި ބޮޑު ވިޔަފާރީގެ މުއާމަލާތާއެކު ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ސްޓްރީމިން ހިދުމަތުގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ނެޓްފްލިކްސްއިން މިފަދަ ބޮޑު ފިޔަވަޅެއް އެޅުމުން، އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާވެ، ބެލުންތެރިންނަށް ގިނަ އާ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
