ނިކޮލޯޑިއަންގެ މަޝްހޫރު ޝޯއެއް ކަމަށްވާ "ނެޑްސް ޑީކްލެސިފައިޑް ސްކޫލް ސަވައިވަލް ގައިޑް" ގެ ތަރި ޓައިލާ ޗޭސް މަގުމަތިވެ، ހާލުގައި ޖެހިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މީގެ ކުރިން ކުޑަކުދިންގެ މެދުގައި މަގުބޫލުކަން ހޯދި މި އެކްޓަރު މިހާރު ފެންނަނީ މަގުމަތީގައި ދިރިއުޅޭތާ ގިނަ ދުވަސްވެ، ސިފަ ވަކިކުރަން ވެސް ނޭނގޭހާ ބޮޑަށް ބަދަލުވެފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯގައި، މަގުމަތިން ދިޔަ މީހަކު ޓައިލާއާ ވާހަކަ ދައްކައި އޭނާއަކީ އެ ޝޯގެ ތަރިތޯ ސުވާލުކުރުމުން އެކަމަށް އޭނާ އެއްބަސްވެއެވެ. އުމުރުން މިހާރު 30 ގެ އަހަރުތައް ގުނަމުންދާ ޓައިލާގެ ބޯދިގުވެ، ތުނބުޅި ދިގުވެފައިވާއިރު، އޭނާގެ މި ހާލަތު ފެނިފައި ގިނަ ބަޔަކު ވަނީ ފުން ހިތާމައެއް ފާޅުކޮށްފައެވެ. އަދި ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ބަލިވެ، އަޅާލާނެ ފަރާތެއް ނެތިފައެވެ.
މިކަމާ ގުޅިގެން ޓައިލާގެ އާއިލާއިން ހާމަކުރި ގޮތުގައި، އޭނާ ވަނީ ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޓައިލާގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް މިވަގުތު ބޭނުންވަނީ ފައިސާގެ އެހީއަށްވުރެ ބޮޑަށް، ދާއިމީ ސިއްހީ ފަރުވާއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކެއް އުޅޭކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އާއިލާގެ އެދުމަށް މިހާރު ވަނީ އާންމުންގެ ފަރާތުން ފައިސާ ހޯދުމަށް ހުޅުވި ބައެއް ފަންޑުތައް ވެސް މެދުކަނޑާލާފައެވެ.
