ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ 'ލިޓް ފެސްޓް' ހަފްތާ ބަންދު (25، 26 އަދި 27) ގައި އޮންނާނެ އެވެ.

 

އުމުރުން 14-20 އާ ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމެނެވެ.

 

އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ހިމެނެ އެވެ.

 

މި ފެސްޓިވަލްގެ ޙަރަކާތްތަކުގައި ބައިވެރިވެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ޙަރަކާތްތަކަށް ހިނގާނެ ޚަރަދު މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ އެވެ. އަދި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް މިނިސްޓްރީން ހޯދައިދޭނެ އެވެ.

 

3 ދުވަހަށް ކުރިއަށް ދާ މި ފެސްޓިވަލް އަކީ އާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެއް ކަމަށް ވާއިރު، ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު އެ ބައިވެރިންނަށް ލިބިގެން ދާނެ އެވެ.

 

ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ އިރު، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށެވެ.

 

އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ އެވެ.

 

މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުންނެވެ.