އިންޑިއާގެ ހެލްތުވޯކަރެއް ކަމަށްވާ ނީލަމް ކުމާރީ އޭނާ ދިރިއުޅޭ އަވަށުގެ އެތައް ގެއެއްގެ ދޮރުގައި ޓަކި ޖެހިއެވެ. އެއީ އެގެތަކުގައި ދިރިއުޅޭ މީހުންނަށް ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިން ދިނުމަށްޓަކައެވެ. ނަމަވެސް އެމީހުން އެކަމާއި ދެކޮޅު ހެދިއެވެ.
އޭއެފްޕީއަށް މައުލޫމާތު ދެމުން ކުމާރީ ބުނީ ވެކްސިން ޖެހުމަށް އަވަށުގެ ގިނަ މީހުން ވަރަށް ބިރުގަންނަ ކަމަށެވެ. އެ އަވަށުގެ މީހުން ބުނާގޮތުގައި ވެކްސިން ޖަހައިފި ނަމަ މަރުވުމުގެ ފުރުސަތު މާބޮޑަށް އިތުރުވެއެވެ.
ކުމާރީ ބުނީ ފަގީރު ސަރަހައްދުތަކުގެ މީހުންނަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ކިޔައި ދިނުން ވެސް ވެފައި ވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ކަމަށެވެ. ވެކްސިންގެ ރައްކާތެރިކަމާއި މުހިއްމުކަން ކިޔައިދޭން މަސައްކަތް ކުރި ހެލްތު ވޯކަރަކަށް އަވަށެއްގެ މީހުން ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަހަމްވެސް ކޮށްލާފައި ވެއެވެ.
އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ ފަގީރު އަވަށްތަކުން އަދި ވެކްސިން ދެވުނީ އެންމެ %15 މީހުންނަށެވެ. ނަމަވެސް ސިޓީތަކުގެ %30 މީހުންނަށް ވަނީ ވެކްސިން ދެވިފައެވެ.
އިންޑިޔާ ސަރުކާރުން ބުނާގޮތުގައި މީސްމީޑިޔާގެ އެކިއެކި މަންސަ ތަކުން ވެކްސިން އާއި ބެހޭ ދޮގު ހަބަރު ފެތުރުމަކީ އެ ގައުމަށް ދިމައިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ.
އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ނުދެވިއްޖެނަމަ އިންޑިއާގެ ހާލަތު ގޯސްވަމުން ގޮސް އެތައް ލައްކަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.
