ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގެ ފައިނަލުގައި ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާން ޖެހިއްޖެއެވެ.
މުބާރާތުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދީ މިރޭ ކުޅުނު ދެވަނަ ސެމީގައި ފަސޭހަކަމާއެކު ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ކިރްގިސްތާނުން ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން މޮޅުވެގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭން މި ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއްނެތި ރާއްޖޭން 25-12 އިން ކުރިހޯދިއިރު، ދެންޖެހިގެންއައި ތިންވަނަ ސެޓު ވެސް ރާއްޖޭން ކާމިޔާބުކުރީ 25-12 އިންނެވެ. މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ވެސް ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރި ކިރްގިސްތާނުން ވަނީ މިއަދު ހަވީރު ކުޅުނު މެޗުގައި 3-1 ސެޓުން އަފްޣާނިސްތާން ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުން 25-17، އާއި 25-14 އިން ކިރްގިސްތާން ކުރިހޯދާފައިވަނިކޮށް އަފްޣާނިސްތާނުން ވަނީ ދެން ޖެހިގެންއައި ތިންވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 28-26 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު، ދެންޖެހިގެންއައި ސެޓުގައި ކިރްގިސްތާނުން ވަނީ ފަސޭހަކަމާއެކު 25-15 އިން ކާމިޔާބުކޮށް، ފައިނަލަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 8:40 ގައެވެ.
