އުއްމީދަކީ ކާވާ ވިމެންސް ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެ އަށް ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކާވާ ވިމެންސް ކަޕް ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ދަތުރުކުރުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އަންހެން ގައުމީ ވޮލީ ޓީމަށް ހިތްވަރުދެއްވައި، ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ، މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ދިވެހި ޓީމު ފައިނަލަށް ދަތުރުކުރުމަކީ ބޮޑު ފަހުރެއް ކަމަށެވެ. 

"މިރޭ އޮންނަ ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދު. ދިވެހި ރައްޔިތުން މިތިބީ ދިވެހި ޤައުމީ ޓީމާއެކު." ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައިވެއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން، ދެން ވާދަކުރީ އަފްޣާނިސްތާން އާއި ކިރްގިސްތާނެވެ.

މި މުބާރާތުގެ ފައިނަލަށް ރާއްޖޭން ދަތުރުކުރީ ރައުންޑް ރޮބިން ބުރު ހިމެނޭގޮތަށް މެޗަކުން ބަލިނުވެ އެވެ. މިއީ ތާރީހީ ކާމިޔާބީއެކެވެ.

މުބާރާތުގެ ފައިނަލުގައި ރާއްޖޭން ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ރައުންޑް ރޮބިން ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ރާއްޖެއިންނެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މިރޭގެ ފައިނަލް މެޗު ފަށާނީ 8:40 ގައެވެ.