ރާއްޖެއަށް މީގެ 21 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމަކީ ދިވެހިންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި، އަދި އެންމެ އުއްމީދީ ސިފަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާއަށް މިއަދު 21 އަހަރު ފުރޭއިރު، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މިއަދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި، ދަތި އުނދަގޫ ކޮންމެ ހާލަތެއްގައިވެސް ދިވެހިން އިސްކުރަނީ ގުޅިގެން މަސައްކަތްކުރުމާއި އޯގާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސުނާމީ ކާރިސާއާ ގުޅިގެން ގެދޮރު ގެއްލި، އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރަން ޖެހުނު އާއިލާތަކަށް މެހެމާންދާރީ އަދާކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން ދެއްކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ. ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދުމުގެ ބިންގަލަކީ އެއްބައިވަންތަކަން ކަމަށާއި، ކޮންމެ ނުރައްކާތެރި ހާލަތެއްގައިވެސް ދިވެހިންނަށް ސަލާމަތްކަން ލިބެނީ އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، އެކަކު އަނެކަކަށް އެހީވުމުންކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ 21 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި މި ނުރައްކާތެރި ކާރިސާގައި، ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. މި ހާދިސާގައި 82 ދިވެހިން މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ގެއްލުނެވެ. އެ ދުވަހު ދިވެހިން ދެއްކި ހިތްވަރާއި އެކުވެރިކަމުގެ ގުޅުން ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު 26 ވަނަ ދުވަސް ފާހަގަކުރަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
