ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަރި އަދި ޑައިރެކްޓަރު މުއާ އަބްދުﷲ، ނެޝަނަލް ސެންޓަ ފޯ ދަ އާޓްސް (އެންސީއޭ) ގެ ދަށުން ހިންގާ އޮލިމްޕަހުގެ މެނޭޖަރުކަމަށް ހަމަޖައްސައިފިއެވެ.
މުއާ މި މަގާމާ ހަވާލުވެފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
މުއާ ވަނީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓު މެދުވެރިކޮށް އާ ވަޒީފާއަށް ނުކުންނަން ފަށާފައިވާކަން ހާމަކޮށްފައެވެ. އޭނާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ހަމަޖައްސާފައިވަނީ އޮލިމްޕަސް މެނޭޖަރުގެ މަގާމަށެވެ. މުއާއަކީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެ، އެކްޓުކުރުމާއި ޑައިރެކްޝަންގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ.
އޮލިމްޕަހަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ، ހާއްސަކޮށް ދިވެހި ފިލްމީ އިންޑަސްޓްރީގެ މައި މަރުކަޒެވެ. އެތަނުގެ ހިންގުން ހަރުދަނާކޮށް، ފަންނާނުންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކު އިސްކޮށް ހަރަކާތްތެރިވުމަކީ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. މުއާ މި މަގާމާ ހަވާލުވުމާ ގުޅިގެން އޭނާގެ ރަހުމަތްތެރިންނާއި ދާއިރާގެ ފަންނާނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
