ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާން އާއި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ މެދުގައި އޮތް ކަމަށް ބުނާ "ސިއްރު ގުޅުމުގެ" ވާހަކައަކީ ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު އަދި މިހާރުވެސް ދެކެވެމުންދާ އެއް ވާހަކައެވެ.

މިއަހަރުގެ މެޓް ގާލާ 2025 އާ ގުޅިގެން އޮސްޓްރޭލިއާގެ މެގަޒިންއަކުން މި ދެ ތަރިންނަކީ "ކުރީގެ ލޯބިވެރިން" ކަމަށް ބުނުމުން މި ސުވާލު އަނެއްކާވެސް އާންމުންގެ މެދުގައި ވަނީ އުފެދިފައެވެ. ނަމަވެސް، މިހާތަނަށް އައިއިރު މިކަމުގެ ސީދާ ހަގީގަތް އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި އަޑުތައް އެންމެ ފުރަތަމަ ފެތުރެން ފެށީ 2011 ވަނަ އަހަރު ނުކުތް ފިލްމު "ޑޮން 2" ގެ ޝޫޓިން ތެރެއިންނެވެ. އޭރު ދެކެވުނު ވާހަކަތަކާ ގުޅިގެން ޝާހުރުކް ހާން ވަނީ އެކަން ވަރަށް ބޮޑަށް ދޮގުކޮށްފައެވެ. އޭނާ ބުނީ ޕްރިޔަންކާ އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕްރިޔަންކާ ވެސް ވަނީ އެކި އިންޓަވިއުތަކުގައި އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް، އެ ދުވަސްވަރަށް ފަހު މި ދެ ތަރިން އެއްވެސް ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައި ނުވުމަކީ ގިނަ ބަޔަކު ޝައްކު އުފައްދާ މައިގަނޑު ސަބަބެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝާހުރުކްގެ އަންހެނުން ގޯރީ ހާން، ޕްރިޔަންކާ އާއެކު މަސައްކަތް ނުކުރުމަށް ޝާހުރުކް ގާތު އެދުނެވެ. މިހާރު ޕްރިޔަންކާ ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނިކޮށްގެން ދިރިއުޅުން ބަދަލުކޮށްފައެވެ.

އެހެންކަމުން، މީޑިއާގައި ކިތަންމެ ވަރަކަށް މި ވާހަކަ ދެކެވުނު ނަމަވެސް، އަދި ވައިރަލް ވީޑިއޯތަކުގައި އެކި ގޮތްގޮތަށް ސިފަކުރި ނަމަވެސް، ރަސްމީ ސިފައެއްގައި މިކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތުމުން، މިއީ ހަމައެކަނި "ރޫމާ" އެއްގެ ގޮތުގައި ބެލެވެއެވެ.