ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސްނުފުރާ ވިހަން ދިޔަ މާބަނޑު އަންހެނެއްގެ ބިސްރަވައިން (އޯވަރީން) ބޮޑު ސިސްޓެއް ނަގައި އޮޕަރޭޝަނެއް ކޮށްފި އެވެ. މިއީ ބޮޑު އޮޕަރޭޝަނެކެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ރ. ހުޅުދުއްފާރުން، އެ ހޮސްޕިޓަލަށް ޑަކްޓަރަށް ދައްކަން ދިޔަ އަންހެނެއްގެ ސްކޭން ހެދިއިރު ވާތްފަރާތު ބިސްރަވައިގައި ވަރަށް ބޮޑު ސިސްޓެއް އިންކަން އެނގުނު ކަމަށެވެ.
އެހެންކަމުން މިިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި މި އޮޕަރޭޝަނުގައި 24 ސެންޓިމީޓަރު ދިގު އަދި 20 ސެންޓިމީޓަރު ފުޅާ ސިސްޓެއް ނެގި އެވެ. އެކަން ކުރުމުގައި ތިން ޕައިންޓުގެ ލޭ އަޅަންޖެހުނު ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި މި އޮޕަރޭޝަންގައި ޖުމުލަ ދެ ގަޑިއިރުވަނީ ހޭދަވެފައެވެ.
އެ އޮޕަރޭޝަން ކުރެއްވީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކާ ބެހޭ ހާއްސަ ޑަކްޓަރު، ޑރ. ލުތުފީ ބާޝާ އެވެ. އޭނާ އަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ޑަކްޓަރެކެވެ.
އެ އަންހެން މީހާއާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެ ދެމައިން ގެއަށް ދޫކޮށްލާފައިވާ ކަމަށްވެސް ދާއޫދު ވަނީ ބުނެފައެވެ. އަދި އޭނާ ވިދާޅުވިގޮތުގައި، މިއީ މާލެ ސަރަހައްދު ފިޔަވައި އެހެން ހޮސްޕިޓަލެއްގައި ކުރެވުނު މިފަދަ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.
