ޕާކިސްތާނުގެ ސިންދު ޕްރޮވިންސަށް އުފަން އަފްޝީން ގުލްގެ ކަނދުރާއަށް ދިމާވެފައިވާ ނުރައްކާތެރި މައްސަލައަކަށް، އިންޑިއާގެ ޑޮކްޓަރަކު ހިލޭ ކޮށްދިން އޮޕަރޭޝަނަކުން ފުރިހަމަ ޝިފާއެއް ލިބިއްޖެއެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ވެސް ފެނިގެންދިޔަ އިންސާނިއްޔަތުކަމުގެ ރީތި މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

އުމުރުން އެންމެ 10 މަހުގައި ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން އަފްޝީންގެ ކަނދުރާ ހުރީ 90 ޑިގްރީއަށް ލެނބިފައެވެ. މިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށް، އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާގެ ނިއު ދިއްލީގެ އެޕޯލޯ ހޮސްޕިޓަލުގެ ޑޮކްޓަރު ރާޖަގޯޕާލަން ކްރިޝްނަން އެވެ.

މި ކޮމްޕްލެކްސް އޮޕަރޭޝަން ކުރުމަށް އާއިލާގެ އަތުގައި ފައިސާ ނެތުމުން، ޑރ. ކްރިޝްނަން މި އޮޕަރޭޝަން ކޮށްދީފައިވަނީ މުޅިން ހިލޭ ސާބަހަށެވެ.

ކާމިޔާބު އޮޕަރޭޝަނަށްފަހު، އަފްޝީން މިހާރު ވަނީ އެއްކޮށް ރަނގަޅުވެފައެވެ. ގިނަ އަހަރުތަކެއް ވަންދެން ކަރު އެއް ފަރާތަކަށް ލެނބިފައި ހުރުމުގެ ސަބަބުން ތަހައްމަލު ކުރަން ޖެހުނު ވޭނަށް ނިމުމެއް އައިސް، މިހާރު އޭނާއަށް އަމިއްލަ ކަންކަން ކުރެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

 ޑޮކްޓަރު ކްރިޝްނަން ބުނެފައިވާ ގޮތުގައި އަފްޝީންގެ ހާލަތު މިހާރު ވަރަށް ރަނގަޅު ކަމަށާއި، އާންމު ކުއްޖެކޭ އެއްފަދައިން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މިހާރު އޭނާއަށް ވަނީ ލިބިފައެވެ.