ފިލިޕީންސްގެ އަންހެނަކު އޭނާގެ ގޭގައި ހުރި ފެހި ކުލައިގެ ބުދަކަށް ހަތަރު އަހަރު ވަންދެން އަޅުކަންކޮށްފިއެވެ.

މި އަންހެން މީހާ ހީކޮށްގެން ހުރީ އެއީ "ލާފިން ބުއްދާ" ގެ ބުދެއް ކަމަށެވެ. ނަމަވެސް މިއީ މަޝްހޫރު ކާޓޫނު ކެރެކްޓަރު "ޝްރެކް" ގެ ބުދެއްކަން އެނގުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

މި އަންހެން މީހާ އޭނާގެ ގޭގައި ހާއްސަ ތަނެއް ހަދައި، އެ ބުދަށް މާމެލާމެއްޔާއި ހުވަނދު އަޅައިގެން ގަވާއިދުން އަޅުކަން ކުރަމުން ދިޔަ އެވެ. މިކަން ފަޅާއެރީ އޭނާގެ ރައްޓެއްސަކު ގެއަށް ޒިޔާރަތްކޮށް އެ ބުދު ފެނުނު ހިސާބުންނެވެ. އެ ރަހުމަތްތެރިޔާއަށް އެއީ ޝްރެކްކަން ވަގުތުން އެނގުނެވެ.

ހަގީގަތް އެނގުމުން ވެސް އަންހެން މީހާ އެކަމާ ރުޅިއެއް ނާދެ އެވެ. އޭގެ ބަދަލުގައި އޭނާ ބުނެފައި ވަނީ މުހިންމީ އަޅުކަން ކުރާ ބުދެއް ނޫން ކަމަށާއި، މުހިންމީ އޭނާގެ ހިތުގައި އޮންނަ ނިޔަތް ކަމަށެވެ. އެހެންކަމުން އެ ބުދު އެތަނުން ނަގަން އޭނާ ވަނީ ދެކޮޅު ހަދާފައެވެ.