ސައުދީ އަރަބިއްޔާގެ ބިޔަ މުނިފޫހިފިލުވުމުގެ މަޝްރޫއު ކަމަށްވާ "ކިދިޔާ" ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރި "ސިކްސް ފްލެގްސް ކިދިޔާ ސިޓީ" ގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލައިފިއެވެ.
ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ މި ޕާކު އާންމުކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ފެށޭ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މިއީ ސައުދީގެ އެންޓަޓެއިންމަންޓް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމަށް އެ ގައުމުން ދެކެއެވެ.
މި ޕާކުގެ އެންމެ ބޮޑު އެއް ޝައުގުވެރިކަމަކީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާނެ ފަދަ ތަފާތު ރައިޑްތައް ހިމެނުމެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ އުސް އަދި އެންމެ ދިގު ރޯލާ ކޯސްޓަރު ކަމަށްވާ "ފެލްކަން ރޯލާ ކޯސްޓަރު" ހިމެނެއެވެ. މީގެ އިތުރުން ވެސް ތަފާތު ފަސް ރައިޑެއް މި ތަނުގައި ހުރެއެވެ. މި ޕާކާ ޖެހިގެން ތަރައްގީކުރާ ވޯޓާ ޕާކު "އަކުއަރެބިއާ" ގެ މަސައްކަތުގެ 95 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއަކީ ސައުދީގެ އިގްތިސާދު ސިންދަފާތުކޮށް، ޓޫރިޒަމް ކުރިއެރުވުމަށް އެކުލަވާލާފައިވާ "ސައުދީ ވިޝަން 2030" ގެ މުހިންމު ބައެކެވެ. މި ތަން ހުޅުވުމުން ސައުދީ ވެގެންދާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންޓަޓެއިންމަންޓް ހަބަކަށެވެ. މިއީ އެ ސަރަހައްދުގައި ގާއިމުކުރަން ރާވާފައިވާ ސްޓޭޑިއަމްތަކާއި އާޓްސް ސެންޓަރުތައް ފަދަ 70 އަށް ވުރެ ގިނަ ތަންތަނުގެ ތެރެއިން ހުޅުވޭ ފުރަތަމަ ތަނެވެ.
