ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. މެދުކެނޑުމަކަށްފަހު މިދިޔަ މަހުގެ 10 ވަނަ ދުވަހު އަލުން މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނީގެ 22،000 ކިއުބިކް މީޓަރުގެ ބޮޑު ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.
ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މި މަހުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
