ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި 11،300 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށާއި މިއީ ރެކޯޑު އަދަދެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ މިއީ ސީދާ ޕްރައިމަރީއެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލީ ފުރަތަމަ ފަހަރު ކަމަށެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި 44 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއެވެ. މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ބަހައްޓާފައި ނުވުމުން ބައެއް މީހުންނަށް ވޯޓު ނުލެވުނު ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ. މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ކައުންސިލްތަކަށް ވާދަކުރާ 183 މީހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 121 މީހުން ހިމެނެއެވެ.
މި އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށް ޕްރައިމަރީއެއް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން އެ ސިޓީގެ މޭޔަރުކަމުގެ ޓިކެޓް މުޝްރިފް އަލީއަށް ވަނީ ކަށަވަރުވެފައެވެ. ވޯޓުލުން ވަރަށް އަމާންކޮށް ނިމިފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނުކުރާނެ ކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
