ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ، ދުންފަތުގެ ބާވަތެއް އިޝްތިހާރު ކުރުމަށް ލިބުނު 40 ކްރޯޑް ރުޕީސްގެ ބޮޑު ހުށަހެޅުމަކަށް ނޫނެކޭ ބުނެފިއެވެ.
އޭނާ މި ހުށަހެޅުން ގަބޫލުނުކުރީ ފައިސާއަށްވުރެ ބޮޑަށް އާންމުންގެ ސިއްހަތާއި ރަނގަޅު އާދަތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މިއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާ ނަމަވެސް، ގޯސް އެއްޗެއް އިޝްތިހާރު ނުކުރަން އޭނާ ވަނީ ނިންމާފައެވެ.
މި ހުށަހެޅުމަކީ މަޝްހޫރު ދުންފަތުގެ ކުންފުންޏަކުން އައި ހުށަހެޅުމެއް ކަމަށް މައުލޫމާތު ލިބެއެވެ. ސުނިލް ޝެޓީއަކީ އަބަދުވެސް ކަސްރަތާއި ދުޅަހެޔޮ ސިއްހަތަށް ލޯބިކުރާ ތަރިއެއް ކަމަށާއި، އޭނާގެ ފޭނުންނަށް ނުބައި މެސެޖެއް ދޭން ބޭނުންނުވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އެހާ ބޮޑު އަދަދެއްގެ ފައިސާ ހުށަހެޅުމުން ވެސް، މުޖުތަމައުއަށް ގެއްލުން ވެދާނެ އެއްޗެއް އިޝްތިހާރު ނުކުރާނެ ކަމަށް އޭނާ ވަނީ ސާބިތުކަމާއެކު ބުނެފައެވެ.
ބޮލީވުޑްގެ ބައެއް ބޮޑެތި ތަރިން މިފަދަ އިޝްތިހާރުތައް ކުޅެގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ސުނިލް ޝެޓީގެ މި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އޭނާގެ މި އަމަލުން ދައްކުވައިދެނީ ފައިސާއަށް ވުރެ އަމިއްލަ އުސޫލުތައް މުހިންމު ކަމެވެ. އަދި ޒުވާނުންނަށް ރަނގަޅު މިސާލެއް ދެއްކުމަކީ ތަރިންގެ ޒިންމާއެއްކަން އޭނާ ވަނީ ހަނދާންކޮށްދީފައެވެ.
