ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ލީޑް ރޯލުން ފެންނަ ސްޕައި ޔުނިވާސްގެ ފިލްމު 'އަލްފާ' ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

މިއީ މި ފިލްމު ރިލީޒްކުރުން ފަސްކުރި ދެވަނަ ފަހަރެވެ. ޔޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ މި ފިލްމަކީ ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރަމުން އަންނަ، އަދި އާލިއާ ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ފަސްކުރަން ޖެހުނީ ސަލްމާން ހާންގެ ފިލްމަކާ ތާރީހު ދިމާވާތީއެވެ. ސަލްމާންގެ އާ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީހާ 'އަލްފާ' ގެ ތާރީހު ދިމާވާތީ، ވިޔަފާރީގެ ގޮތުން ލިބިދާނެ ގެއްލުމަކަށް ބަލައި ފިލްމު ލަސްކުރަން ޕްރޮޑިއުސަރުން ނިންމީ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ ކުރިން މި ފިލްމު އަޅުވަން ނިންމާފައި އޮތީ އަންނަ އަހަރުގެ ކްރިސްމަސް ދުވަސްވަރުއެވެ.

މި ފިލްމުގައި އާލިއާގެ އިތުރުން ޒުވާން ތަރި ޝަރްވަރީ ވަގް ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމަކީ ވައިއާރްއެފް ސްޕައި ޔުނިވާސްގައި އަންހެން ސްޕައިންނަށް ހާއްސަކޮށްގެން ހަދާ ފުރަތަމަ ފިލްމެވެ. ފިލްމު ރިލީޒްކުރާނެ ސީދާ ތާރީހެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.