ކޮންމެ އަހަރެއްގެ ވެސް ނިމުމާ ދިމާކޮށް މާލީ ހިސާބުތައް ނިންމުމަށްޓަކައި ބޭންކުތައް ބަންދުކުރުމަށް ނިންމައިފިއެވެ.
އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް މި މަހުގެ 31 ވާ ބުދަ ދުވަހުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ބޭންކުގެ ބްރާންޗުތައް ބަންދުވި ނަމަވެސް، ކަސްޓަމަރުންނަށް ދަތިކަމެއް ނެތި އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕްގެ އިތުރުން ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ކަސްޓަމަރުންނަށް އެހީތެރިވުމަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރާއި ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ހިދުމަތް ދެމުން ގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ބަންދަށް ފަހު ބޭންކުތައް އަލުން ހުޅުވައި ހިދުމަތް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހު ނުވަތަ ޖަނަވަރީ ހަތަރު ވަނަ ދުވަހުއެވެ. އާންމުކޮށް ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި، އަހަރީ ހިސާބުތައް ނިންމުމަށްޓަކައި ރާއްޖޭގެ މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތައް ބަންދުކުރެއެވެ.
