ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އަމާޒަށް ވުރެ އިތުރަށް، ޖުމްލަ 6.4 މިލިއަން ގަސް އިންދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން މިއަހަރު އިންދުމަށް ކަނޑައެޅި އެއް މިލިއަން ގަސް އިންދުމުގެ އަމާޒު މިހާރު ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1،027،372 ގަސް އިންދާފައިވާ ކަމަށާއި، 6.4 މިލިއަން ގަސް އިންދޭނެ ކަމަށް ބެލެވެނީ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން މިކަމަށް ދީފައިވާ ޔަގީންކަމާ ގުޅިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ގަސްތަކަށް ފެންދިނުމަށް އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ޕްރޮގްރާމުގެ ދަށުން ދެ ހައިވަކަރު ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
