ސެމްސަންގގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ ނޯޓް 20 އަދި 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގު މެދުވެރިކޮށް ޕްރީއޯޑަރ ކުރުމުމަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ އޯޑަރ ކުރެވޭނެ ކަމަށެވެ.

ސެމްސަންގ ގެ އެންމެ ފަހުގެ މި ފޯނުތަކަކީ އެކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި ފްލޭގްޝިޕް ފޯނުތައް ކަމަށްވެސް ދިރާގުން ބުނެއެވެ.

"ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއްގެ ދަށުން 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ. އަދި ނޯޓް 20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެ" ދިރާގުން ބުންޏެވެ.

މީގެ އިތުރުން މި ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތައް ކަމަށްވެސް ބުނެއެވެ.

ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތައް ތަފާތު 2 ކުލައެއްގައި އެބަހުރި ކަމަށާއި އެގޮތުން މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން ލިބެން ހުންނާނެ ކަމަށްވެސް ދިރާގުން ބުންޏެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބޭނެ ކަމަށްވެސް ބުންޏެވެ.

ދިރާގުން ބުނީ މި ދެ ފޯނުވެސް ލިބިގެންދާނީ 256 ޖީބީގެ ކެޕޭސިޓީއާ އެކުގައި ކަމަށެވެ.

މިއީ ގޭމް ކުޅޭ މީހުންނާއި “ޕަވަރ ޔޫސަރސް”ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެކެމަށް ސެމްސަންގ އިން ބުނެފައިވެއެވެ.

ސެމްސަންގ ގެލެކްސީ ނޯޓް 20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗި ހުރެއެވެ.