ސްރީލަންކާގައި މިހާރު ކުރިއަށްދާ "ސްރީލަންކަން ގޮޓް ޓެލެންޓް" ސީޒަން 3 ގައި ދިވެހި ކުއްޖަކު ބައިވެރިވެ، އޭނާ ދެއްކި ފުރިހަމަ ހުނަރާއެކު މުބާރާތުގެ ޖަޖުންނާއި ބެލުންތެރިން ހައިރާންކޮށްލައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ލަވަ ކިޔުމުގެ ހުނަރު ދައްކާލައި، އެންމެންގެ ސަމާލުކަން ހޯދީ ރޫބިން މުއާދު ނަމަކަށް ކިޔާ ހުނަރުވެރި ކުއްޖެކެވެ.
ރޫބިން މި އޮޑިޝަންގައި ހުށަހަޅައިދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ "ރޯ" މި ލަވައެވެ. ސްޓޭޖް މަތީގައި އޭނާ ދެއްކި ކެރުމާއި، ލަވަ ހުށަހަޅައިދިންލެއް ފުރިހަމަކަމުން ޕެނަލްގައި ތިބި ހަތަރު ޖަޖުން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި ރޫބިންގެ ޕާފޯމަންސް ނިންމާލުމާއެކު ހަތަރު ޖަޖުން ވެސް ވަނީ އޭނާއަށް "އާނ" ބަސް ދީ، މުބާރާތުގެ އަނެއް ބުރަށް ހޮވާފައެވެ.
މި އޮޑިޝަންގައި ރޫބިންއަށް ސަޕޯޓުކުރުމަށްޓަކައި އޭނާގެ އާއިލާގެ މެމްބަރުންނާއި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން އެތަނަށް ގޮސް ތިބިކަން ފާހަގަކޮށްލެވެއެވެ. ޖަޖުންގެ ފަރާތުން ލިބުނު ތަރުހީބާއެކު، ރޫބިން ވަނީ ބޭރުގެ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ދިވެހިން ފަހުރުވެރިވާފަދަ ނަމޫނާއެއް ދައްކުވައިދީފައެވެ.
