މަޝްހޫރު ގާނޫނީ ވަކީލު އާމާލް ކްލޫނީ އާއި އޭނާގެ ފިރިމީހާ، ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީ އާއި އެ އާއިލާއަށް ފްރާންސްގެ ރަށްވެހިކަން ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ދެމަފިރިންނަށް ފްރާންސްގެ ރަށްވެހިކަން ލިބިފައިވަނީ އެމީހުންގެ އެއްމާބަނޑު ދެކުދިން ކަމަށްވާ އެލާ އާއި އެލެގްޒެންޑާ އަށް ވެސް ހިމެނޭ ގޮތަށެވެ.

މި އާއިލާއިން ވަނީ 2021 ވަނަ އަހަރު ފްރާންސްގެ ދެކުނުގައި އޮންނަ ޕްރޮވިންސް ސަރަހައްދުން އަގުބޮޑު ގެއެއް ގަނެ، އެތަނުގައި ދިރިއުޅެން ފަށާފައެވެ. "ޑޮމެއިން ޑު ކެނަޑެލް" ގެ ނަމުން ނަން ދީފައިވާ މި ގޭގައި އުޅެމުން، އެމީހުން ވަނީ އެ ސަރަހައްދުގެ މުޖުތަމައުއާ ވެސް ވަރަށް ބޮޑަށް ގުޅިފައެވެ. އަދި އެ ސަރަހައްދުގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވެއެވެ.

އާމާލް ކްލޫނީ އަކީ އިނގިރޭސިވިލާތާއި ލުބުނާނުގެ ރަށްވެހިކަން އޮންނަ މީހަކަށް ވާއިރު، ޖޯޖް ކްލޫނީ އަކީ އެމެރިކާގެ ރައްޔިތެކެވެ. މިހާރު މި އާއިލާއަށް ފްރާންސްގެ ރަސްމީ ރައްޔިތުންގެ ގޮތުގައި ބަލައިގަނެފައި ވާއިރު، މިއީ އެމީހުންގެ ދިރިއުޅުން ޔޫރަޕްގައި ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.