ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރު ކަމަށްވާ އަބްދުލް ފައްތާހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، މުޅި ފިލްމީ ދާއިރާ އޮތީ ފުން ހިތާމައެއްގައެވެ.

އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ފައްތާހު ނިޔާވީ ކުއްލި ގޮތަކަށް ކަމަށް ވުމުން، އެކަމުގެ ސިހުން އާއިލާއަށާއި ފިލްމީ ތަރިންނަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.

ފައްތާހަކީ ދިވެހި ފިލްމީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަންނާނެކެވެ. އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކާއި ވީޑިއޯ ލަވަތަކަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުފެއްދުންތަކެކެވެ. ތަފާތު މޮޅު ހުށަހެޅުންތަކެއް ގެެނެސްދީފައިވާ ފައްތާހުގެ ވަކިވުމަކީ ދިވެހި ސިނަމާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ހިތާމަވެރި ހަބަރާ ގުޅިގެން، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުއޫރު ފާޅުކުރަމުންނެވެ. އޭނާއާ އެކު މަސައްކަތްކޮށްފައިވާ ތަރިން ފާހަގަކުރާ ގޮތުގައި ފައްތާހަކީ މަސައްކަތަށް ފަރުވާތެރި އަދި ހުނަރުވެރި ޑައިރެކްޓަރެކެވެ. އޭނާގެ ހަނދާންތައް ދިވެހި ފިލްމީ ތާރީހުގައި އަބަދަށް ދެމިހުންނާނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.