އިސްލާމިކް މިނިސްޓްރީ އާއި ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލު ފަހިކޮށްދިނުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ. "ވޯކް ޕްލޭސް އިންކްލޫޝަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާ ގުޅޭ ގަވާއިދުގެ ދަށުން، އޮފީސްތަކަކީ އެ ފަރާތްތަކަށް ފަސޭހަ ތަނަކަށް ހެދުމަށާއި، އެ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް މުވައްޒަފުން ހޭލުންތެރިކުރުމަށް ބޭއްވި މުހިންމު ސެޝަނެކެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން މިކަމާ ގުޅޭ ގާނޫނުތަކާއި މިންގަނޑުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ފަރާތްތަކާ މުއާމަލާތް ކުރާނެ ގޮތާއި އޮފީސް މާހައުލު ބައްޓަން ކުރަންޖެހޭ ގޮތްތައް ބައިވެރިންނަށް ކިޔައިދީފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމައުގައި ގެންގުޅޭ ބައެއް ކަހަލަ ނުރަނގަޅު ވިސްނުންތައް ދޫކޮށްލައި، އެންމެން ޝާމިލުވެގެން ގުޅިގެން މަސައްކަތް ކުރުމަށް މި ސެޝަނުގައި ވަނީ ބާރުއަޅާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް ޝައުގުވެރިވާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އަންނަނީ އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެ ހައްގުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.