ދުނިޔޭގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ "ސްޓްރޭންޖާ ތިންގްސް" ގެ ފަހު ސީޒަންގެ ދެވަނަ ބައި ރިލީޒްކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް، އޭގެ މަންޒަރަކުން ފެނުނު ބޮޑު ގޯހެއް ނެޓްފްލިކްސް އިން ސިއްރުން އިސްލާހުކޮށްފިއެވެ.
މިކަން އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ސީރީޒް ބަލަމުން ދިޔަ މީހުން ސޯޝަލް މީޑިއާގައެވެ. ގިނަ ބަޔަކު މި ވާހަކަ ދައްކަން ފެށުމާއެކު، ނެޓްފްލިކްސް އިން ވަނީ ސިއްރުން އެ މަންޒަރު ބަދަލުކޮށްފައެވެ.
މި މައްސަލަ ދިމާވެފައިވަނީ ސީރީޒްގެ ކެރެކްޓަރެއް ކަމަށްވާ ހޮލީ ވީލާ ލައިގެން ހުރި ހެދުމަކާ ގުޅިގެންނެވެ. އެ މަންޒަރުގައި އޭނާ ލައިގެން ހުރި ހެދުމުން "އަންޑާ އާމާ" ގެ ލޯގޯ ސާފުކޮށް ފެންނަން ހުއްޓެވެ. ނަމަވެސް މި ސީރީޒްގައި ދައްކުވައިދެނީ 1980 ގެ އަހަރުތަކުގެ ދުވަސްވަރެވެ. ތާރީހަށް ބަލާއިރު އަންޑާ އާމާ ބްރޭންޑް އުފައްދާފައިވަނީ 1996 ގައެވެ. އެހެންކަމުން މިއީ އެ ޒަމާނާ ނުގުޅޭ މަންޒަރެއް ކަމަށް ފޭނުން ވަނީ ފާހަގަކޮށްފައެވެ.
ނެޓްފްލިކްސް އިން މިހާރު ވަނީ އެޕިސޯޑު އަލުން އަޕްލޯޑުކޮށް، ޑިޖިޓަލްކޮށް އެ ލޯގޯ ފޮހެލާފައެވެ. މިއީ އެއްވެސް އިއުލާނެއް ކުރުމަކާ ނުލައި އެ ކުންފުނިން ގެނައި ބަދަލެކެވެ.
މީގެ ކުރިން "ގޭމް އޮފް ތްރޯންސް" ގެ މަންޒަރަކުން ކޮފީ ތަށްޓެއް ފެނުނު ހާދިސާއެކޭ އެއްގޮތަށް، މިފަދަ ކުދި ގޯސްތައް ބޮޑެތި ސީރީޒްތަކުން ފެނުމަކީ އާއްމު ކަމެކެވެ. މި ސީޒަނަކީ ސްޓްރޭންޖާ ތިންގްސްގެ އެންމެ ފަހު ސީޒަން ކަމަށްވުމުން، ބެލުންތެރިން ތިބީ ވަރަށް ފަރުވާތެރިކަމާއެކު ކޮންމެ މަންޒަރެއް ވެސް ބަލާށެވެ.
