އިނގިރޭސިވިލާތުގެ ޕްރިންސް އޮފް ވޭލްސް، ވިލިއަމްއަށް މިދިޔަ މާލީ އަހަރު ލިބިވަޑައިގެންނެވި އާމްދަނީ ހާމަކޮށްފިއެވެ.

ޝާއިއުކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޑަޗީ އޮފް ކޯންވޯލް އެސްޓޭޓުން ވިލިއަމްއަށް 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 23.6 މިލިއަން ޕައުންޑު) ގެ އާމްދަނީއެއް ވަނީ ލިބިވަޑައިގެންފައެވެ. މިއީ އެމަނިކުފާނު ޑަޗީ އޮފް ކޯންވޯލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެއް އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގެންނެވި ފުރަތަމަ ފުރިހަމަ އާމްދަނީއެވެ.

މި ފައިސާއަކީ ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަދި އެ ދެކަނބަލުންގެ ދަރިންގެ ހަރަދުތައް ބެލެހެއްޓުމަށް ބޭނުންކުރާ ފައިސާއެވެ. މީގެ ތެރޭގައި އެ ބޭފުޅުންގެ ރަސްމީ މަސައްކަތްތަކާއި، ހިލޭ ސާބަހަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން ޕްރައިވެޓް ދިރިއުޅުމުގެ ހަރަދުތައް ހިމެނެއެވެ. ނަމަވެސް، މި ފައިސާއިން ޓެކްސް ދައްކަވާ ކަމަށް ގަނޑުވަރުގެ އޮފީހުން ބުންޏެވެ. ޑަޗީ އޮފް ކޯންވޯލް އަކީ 1337 ވަނަ އަހަރު އުފެއްދި އެސްޓޭޓެކެވެ.

ވިލިއަމްއަށް މި އެސްޓޭޓުގެ މިލްކުވެރިކަން ލިބިވަޑައިގެންނެވީ، ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ބައްޕާފުޅު ޗާލްސް ރަސްކަމަށް އިސްވެވަޑައިގަތުމުންނެވެ. މި އެސްޓޭޓުގެ ދަށުން އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ބިންތަކާއި މުދާ ބަލަހައްޓަމުން ގެންދެއެވެ. މީގެ މައިގަނޑު ބޭނުމަކީ ރަސްގެފާނުގެ ދޮށީ ދަރިކަލުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރިޕޯޓާ އެކު ބައެއް މީހުން އަންނީ ޕްރިންސް ވިލިއަމްއަށް ކޮންމެ އަހަރަކު މިހާ ބޮޑު އާމްދަނީއެއް ލިބުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ބުނެ ފާޑުކިޔަމުންނެވެ.