ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކަންނާ، "ދިރިޝަމް 3" ގެ ޝޫޓިން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ފިލްމު ދޫކޮށްލައިފި އެވެ.

އޭނާ ފިލްމު ދޫކޮށްލީ ފިލްމުގައި އޭނާ އަދާކުރާ ރޯލަށް ވިގެއް ބޭނުންކުރަން ބޭނުންވުމުން، އެކަމާ ޕްރޮޑިއުސަރުންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެންނެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުން ބުނާ ގޮތުގައި އަކްޝޭގެ އެދުމަށް އެއްބަސް ނުވެވުނީ ފިލްމުގެ މަންޒަރުތަކުގެ ކޮންޓިނިއުޓީ ގުޅުވުމަށް ދިމާވާ މައްސަލައަކާ ހެދި އެވެ. "ދިރިޝަމް 3" ގެ މަންޒަރުތައް ފެށެނީ "ދިރިޝަމް 2" ނިމުނު ހިސާބުން ކަމަށް ވާތީ، ކުއްލިއަކަށް އަކްޝޭގެ އިސްތަށިގަނޑު ހުންނަ ގޮތް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ. ނަމަވެސް އަކްޝޭ ވަނީ ވިގު ނާޅައި ފިލްމު ކުޅެން ދެކޮޅު ހަދައިފަ އެވެ.

ޝޫޓިން ފަށަން އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް އަކްޝޭ ފިލްމު ދޫކޮށްލުމުން ޕްރޮޑިއުސަރު ކުމާރު މަންގަތު ޕަތަކް ވަނީ އަކްޝޭއަށް ލީގަލް ނޯޓިސް ފޮނުވައިފަ އެވެ. މިއީ ސެޓު ހެދުމަށާއި އެހެނިހެން ކަންކަމަށް ވީ ހަރަދުގެ ބަދަލު ހޯދުމަށެވެ. މިހާރު މި ރޯލު ކުޅުމަށް ހަމަޖެހިފައި ވަނީ ޖައިދީޕް އަހްލާވަތު ކަމަށް ރިޕޯޓުތައް ބުނެ އެވެ.