މެއްސަކީ ގިނަ ބަޔަކު ނުހުރޭ ސޫއްޕެކެވެ. މެހި ޖެއްސުމުން ގިނަ ފަހަރު "ފަކުރު" ގަންނަ ގޮތްވެއެވެ. ނަމަވެސް ހަގީގަތަކީ މެއްސަކީ ހިޔާލަށްވެސް ނުގެނެވޭވަރުގެ ފައިދާތަކެއް އޭގައި ލައްވާފައިވާ ސޫއްޕެއް ކަމެވެ.
އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
إذا وقعَ الذُّبَابُ في إناء أحدِكم: فامْقُلُوه، فإن في أحدِ جناحَيه داءً، وفي الآخر شفاءً (البخاري: 2320
(މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ބުއިމަށް މެއްސެއް ވެއްޓިއްޖެނަމަ، އެމެހި ބުއިމުގެ ތެރެއަށް އެއްކޮށް ގަންބާލާށެވެ. އެހެނީ އޭގެ އެއް ފިޔަގަނޑުގައިވަނީ ބައްޔެވެ. އަދި އަނެއް ފިޔަގަނޑުގައިވަނީ ފަރުވާއެވެ"
އިބްނު މާޖާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެأحدُ جناحي الذبابِ سُمٌّ ، والآخَرُ شِفاءٌ. فإذا وقَعَ في الطعام: فامْقُلُوه فِيه؛ فإنه يقدِّم السُّمَّ، ويؤخرُ الشِّفاءَ ) ( ابن ماجه وصححه الألباني: 3504
(މާނައީ: "މެހީގެ އެއް ފިޔަގަނޑުން ބަލި އުފުލާއިރު އޭގެ އަނެއް ފިޔަގަނޑުގައި ފަރުވާވެއެވެ. އެމެހި ކާއެއްޗަކަށް ވެއްޓިއްޖެނަމަ، ﷲ އަށްޓަކައި އެމެހި އެއްކޮށް ގަންބާލާށެވެ. ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޖައްސަވަނީ ވިހައިގެ އަސަރެވެ. ދެން އެއަށްފަހު ޝިފާއެވެ"
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވީ މެއްސެއް ވެއްޓުމުން ގަންބާލުމަށެވެ. އަދި ފެން ހޫނުނަމަ ގަންބާލާ މަރާލުމަށެވެ.
މެހި ޖައްސާ ހެދުމުން ހަންގަނޑު ކަހާ، އިންފެކްޓް ވުން ފަދަ ކަންކަންވުމުން އެނގޭކަމަކީ މެހިވެސް ވިހަ މާއްދާތަކެއް އުފުލާކަމެވެ. މި ކުޑަކުޑަ ސޫތްޕަށް އަނިޔާއަކާ ނުވަތަ ބިރުވެރިކަމަކާ ކުރިމަތިވުމުން، އެސޮރަށް ބޭނުންކުރެވޭ އާލަތްތަކުގެ އެހީގައި ހަމަލާދެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރައްވާފައިވަނީ މެއްސެއް ކާއެއްޗަކަށް ވެއްޓުމުން މެހި ދޫކުރާ ވިހަ މާއްދާތަކުން ރައްކާތެރިކަން ހޯދުމަށް އެ ވެއްޓުނު މެހި އެއްކޮށް ގަންބާލުމަށްފަހު މެހީގެ އަނެއް ފިޔަގަނޑުގައިވާ ފަރުވާ ލިބިގަތުމަށެވެ.
މަސްދަރު: ރުގްޔާ. ކޮމް
