ވިހި ދުވަސްތެރޭ 96 މަސާޖު ޕާލާ ބަންދުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ފަދަ ތަންތަން ހިނގަމުންދަނީ އެ ފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
"މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށްވާން ޖެހޭ ކަމަށެވެ.
