ޗައިނާގައި ބޭއްވި ކުލަގަދަ ޑްރޯން ޝޯއެއްގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯންތަކެއް ކުއްލިއަކަށް ކޮންޓްރޯލް ގެއްލި ބިންމައްޗަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ޗައިނާގެ ޝޮޕިން މޯލެއްގެ މަތިން މި ޑްރޯންތައް ވެއްޓެން ފެށުމުން، އެ މަންޒަރު ބަލަން ތިބި މީހުންނަށް ސިފަވީ މަތިން "އަލިފާނުގެ ވާރޭ" ވެހުނު ފަދަ ގޮތަކަށެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ތިބި މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ފުރާނަ ސަލާމަތް ކުރުމަށް ކޮޅުކޮޅަށް ދުވަން ފެށިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދިއްލާފައިވާ އެތައް ސަތޭކަ ޑްރޯންތައް ހުއްޓުމެއް ނެތި ބިންމައްޗަށް ފައިބަމުން ދިޔައެވެ. އެ ވަގުތު އެތަނަށް ޖަމާވެ ތިބި މީހުން ހަޅޭއްލަވަމުން އެކި ދިމަދިމާއަށް ދުވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ބައެއް ޑްރޯންތައް ކާރުތަކާއި އިމާރާތްތަކުގައި ޖެހުނު ނަމަވެސް، މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމަށް ބެލެވެނީ ޓެކްނިކަލް މައްސަލައެއް ނުވަތަ ސިގްނަލް ލިބުމުގައި ދިމާވި ދަތިތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗައިނާގައި ފަހަކަށް އައިސް ހަވާ އަރުވައިގެން ފާހަގަކުރާ މުނާސަބަތުތަކުގެ ބަދަލުގައި ޑްރޯން ޝޯތައް ބޭއްވުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުންދާތީ، މިފަދަ ޝޯތަކުގެ ސަލާމަތީ ކަންކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.