އިރުމަތީ ގުދުސްގެ ޝައިހް ޖައްރާހް އަވަށުގައި ދިރިއުޅޭ މުހައްމަދުލް ކުރްދު ނަމަކަށްކިޔާ ފަލަސްތީނުގެ ރައްޔިތެއް ހައްޔަރުކުރަން، އިސްރާއީލުގެ ފުލުހުން އިއްޔެ އައި ވަގުތު، މުހައްމަދު ގޭގައި ނެތުމުން އޭނާގެ ނިބޫ ދައްތަ މުނާ ހައްޔަރުކުރުމާ ގުޅިގެން، މުހައްމަދު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސް އަމާން ދީފި އެވެ.
މުހައްމަދުލް ކުރްދަކީ، އެ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުން، އެމީހުންގެ ގެދޮރުން ނެރެ، ޔަހޫދީ ވަޒަންވެރިންނަށް ދިނުމަށް އިސްރާއީލުގެ ސަރުކާރާއި އިޒްރޭލުގެ ކޯޓުތައް ގުޅިގެން ހިންގާ ޖަރީމާ ދެކޮޅަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެކަކެވެ. އެ އާއިލާއަކީ ވެސް، އެމީހުންގެ ގެދޮރުން ނުކުތުމަށް އިޒްރޭލުގެ ކޯޓުން ހުކުމްކުރުމުގެ ސަބަބުން ގެދޮރުން ނުކުންނަން ޖެހިފައިވާ ބައެކެވެ.
މުހައްމަދު ހޯދަން އިސްރައީލު ފުލުހުން އޭނާގެ ގެއަށް އައި ވަގުތު، އޭނާ ގޭގައި ނޫޅޭތީ، އޭނާގެ ދައްތަ މުނާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކޮށްގެން ގެންދިޔައީ އެވެ. ނަމަވެސް އެމީހުން ހައްޔަރުކުރަނީ ކޮން ތުހުމަތެއްގައި ކަމެއް އިޒްރޭލު ފުލުހުން ނުބުނެ އެވެ.
މުހައްމަދު ގެއަށް އައި އިރު، ދައްތަ ހައްޔަރުކޮށްގެން ގެންދިޔަ ކަން އެނގުމާއެކު، އޭނާ އަމިއްލައަށް އެ ސަރަހައްދުގައި ހުންނަ އިސްރާއީލު ފުލުހުންގެ އިދާރާއަށް ގޮސް، ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އެވެ.
ކުރްދު އާއިލާގެ މުހައްމަދާއި މުނާއަކީ، ޝައިހް ޖައްރާހް އަވަށުގައި އިސްރާއީލު ސިފައިންނާއި ފުލުހުން އެންމެ ފަހުން ހިންގި އުދުވާނީ އަމަލުތައް، ސޯޝަލް މީޑިއާގެ ޒަރީއާއިން ބައިނަލްއަގުވާމީ މުޖްތަމައަށް ތިލަކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ދެ މީހުންނެވެ.
ފަލަސްތީނު މީހުންގެ ގެދޮރުން ނެރުމަށް ޔަހޫދީ ވަޒަންވެރިން ހިންގި ހަރަކާތްތަކާ ގުޅިގެން، ހުސްވި އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން ޝައިހް ޖައްރާހް އަވަށުގަޔާއި، ހިފާފައިވާ އިރުމަތީ ގުދުސްގެ އެހެން ސަރަހައްދުތަކުގައި ވެސް، އިސްރާއީލު ފުލުހުންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފެށި އެވެ.
