ނައިޖީރިއާގެ ގޮމްބޭ ސްޓޭޓަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ހާޖަރާ އިބްރާހިމް ދަންއަޒޫމީ، ދުނިޔޭގެ ފެންވަރުގައި ބޭއްވި އިންޓަނޭޝަނަލް ގުރުއާން މުބާރާތަކުން އެއްވަނަ ހޯދައި، ދުނިޔޭގެ އެންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހާގެ މަގާމު ހޯދައިފިއެވެ.
މިއީ އެ ގައުމަށާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށް ޝަރަފުވެރި ކާމިޔާބީއެކެވެ.
މި މުބާރާތުގައި ހާޖަރާ ވަނީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ގުރުއާން ކިޔެވުމުގައި އާދަޔާ ހިލާފު މޮޅު ހުނަރެއް ދައްކާލައިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މުބާރާތުގައި ބައިވެރިވި އެހެން ކުދިންނާ ވާދަކޮށް އޭނާ ކުރި ހޯދީ ވަރަށް ފުރިހަމައަށް އަދި އެހާމެ ރީތިކޮށް ގުރުއާން ކިޔަވައިގެންނެވެ. އޭނާގެ ކިޔެވުމުގެ ފެންވަރަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.
އުމުރުން އެންމެ 19 އަހަރުގައި ހަޖަރާ މި ހޯދި ކާމިޔާބީއަކީ ނައިޖީރިއާއަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. މި ކާމިޔާބީން ދައްކުވައިދެނީ ގުރުއާން އުނގެނުމަށާއި ތަޖުވީދުގެ މަގަށް އޭނާ ދީފައިވާ އަހަންމިއްޔަތު ކަމެވެ. މި މުބާރާތުގެ ނަތީޖާއާ އެކު އޭނާ ވެފައި ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނަކަށެވެ.
