ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އެ ރަށުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ނިޒާމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން، އިރުގެ އަލިން އުފައްދާ ހަކަތަ ރައްކާކުރުމަށްޓަކައި 537.6 ކިލޯވޮޓް އަވާ (kWh) ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ވެސް މި ރަށުގައި ގާއިމުކުރާނެއެވެ. މި ވަސީލަތްތަކާއެކު ރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި ނިޒާމުގެ ބޭނުން ރަސްމީކޮށް ހިފަން ފެށުމުން، ދޮންފަނަށް ކަރަންޓު ދިނުމަށްޓަކައި އަހަރަކު އަންދާ ޑީސަލްގެ މިންވަރުން 141,443 ލިޓަރު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ އިގްތިސާދީ ގޮތުން ލިބޭ ކުރިއެރުމެއްގެ އިތުރުން ތިމާވެއްޓަށް ވެސް ލިބޭނެ ލުޔެކެވެ. އެގޮތުން މި ނިޒާމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑް (CO2) ގެ މިންވަރުން އަހަރަކު 347 ޓަނު މަދުކުރެވޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
