ހުޅުމާލެ ފެހިކުރުމުގެ މަޝްރޫއުގެ ދަށުން، އެޗްޑީސީ އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ގުޅިގެން "ގްރީން ނާސަރީ" އެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ރަށްތައް ފެހިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ނާސަރީގެ ސަބަބުން ހުޅުމާލޭގެ ރީތިކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވާނެއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެޗްޑީސީގެ އިސްވެރިންގެ އިތުރުން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ ބޭފުޅުން ބައިވެރިވިއެވެ.
