ކޯކު ދަޅެއް ބޯ ކޮންމެ ފަހަރަކު އިންސާނާގެ އުމުރުން 12 މިނެޓު ގެއްލޭ ކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަން އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ސިއްހަތާއި ކާނާއާ ގުޅޭގޮތުން ހެދި މި ދިރާސާގައި ވަނީ ތަފާތު އެކި ވައްތަރުގެ ކާނާ ބޭނުންކުރުމުން އިންސާނާގެ ސިއްހަތަށް ކުރާ އަސަރު ވަޒަންކޮށްފަ އެވެ. މިގޮތުން ހަކުރު ގިނައިން ހިމެނޭ ބުއިންތަކަކީ އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކޮށް އުމުރު ކުރުވާ އެއްޗެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ދިރާސާގައި ބުނާ ގޮތުން ޕްރޮސެސްކޮށްފައި ހުންނަ މަސް ހިމެނޭ ކާނާ އަކީ ވެސް ސިއްހަތަށް ވަރަށް ގެއްލުން ހުރި ތަކެއްޗެވެ.

މިސާލަކަށް "ހޮޓް ޑޯގް ކެއުމުން އުމުރުން 36 މިނެޓު ގެއްލޭ،" ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ނަމަވެސް މޭވާ އާއި ތަރުކާރީ އަދި ނަޓްސް ފަދަ ތަކެތި ކެއުމުން އުމުރުން ވަގުތު އިތުރުވާ ކަމަށް ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. މިއީ ކާނާގެ ސަބަބުން ލިބޭ ގެއްލުމާއި ފައިދާ ވަޒަންކުރުމަށް ތައްޔާރުކޮށްފައިވާ "ހެލްތު ނިއުޓްރިޝަނަލް އިންޑެކްސް" ގެ މައްޗަށް ބިނާކޮށް ހޯދި ހޯދުންތަކެކެވެ.

މި ދިރާސާ ހެދި ޓީމުން ލަފާދެނީ ސިއްހަތަށް ގެއްލުން ހުރި ކާނާ މަދުކުރުމަށެވެ. ހާއްސަކޮށް ހަކުރު ގިނައިން ހިމެނޭ ބުއިންތަކާއި ޕްރޮސެސްކޮށްފައިވާ ކާނާގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކާނާ އިހުތިޔާރު ކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. ކާނާގެ އާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ހުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.