ދުބާއީގައި އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް މިއަހަރު މުޅިން ތަފާތު ގޮތަކަށް، އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ހަރަކާތްތަކުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން ބައިވެރިވާނެ ކަމަށް، އެ ހަރަކާތް އިންތިޒާމުކުރާ އީމާރު ކުންފުނިން ވަނީ ބުނެފަ އެވެ. މިއީ ދުބާއީގެ ތާރީހުގައި ވެސް އާ އަހަރުގެ އުފާފާޅުކުރުންތައް އެއް ރެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
މި ހަރަކާތް ޕްރޮމޯޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޑިއާގެ ސުޕަސްޓާ ޝާހްރުކް ހާން އެވެ. އޭނާ ބުނެފައި ވަނީ "ދުބާއީއަކީ އަހަރެންގެ ދެވަނަ ގެ. މި ފަހަރުގެ އާ އަހަރުގެ ހަރަކާތްތައް ވަރަށް ތަފާތު ވާނެ،" ކަމަށެވެ.
"ވޯލްޑްސް ގްރޭޓަސްޓް ޝޯ" ގެ ނަމުގައި ބާއްވާ މި ހަރަކާތްތައް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑައުންޓައުން ދުބާއީގައި ކުރިއަށްދާނެ އެވެ.
މިގޮތަށް ނިންމީ، ބުރުޖު ހަލީފާ ސަރަހައްދުގައި ބާއްވާ ކުލަގަދަ ހަވާ އަރުވާ މަންޒަރުތައް ބަލާލުމަށް ޒިޔާރަތްކުރާ އެތައް ހާސް ޓޫރިސްޓުންނަށާއި އާންމުންނަށް ފަސޭހައިން އެ މަންޒަރުތައް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މީގެ ކުރިން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މި ހަރަކާތް ބާއްވަމުން އައީ ހަމައެކަނި އާ އަހަރު ފެށޭ ރޭގަ އެވެ.
މި ބަދަލާ އެކު، ދުބާއީއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ތޮއްޖެހުން ކުޑަވެ، ގިނަ ބަޔަކަށް މި ހިތްގައިމު މަންޒަރުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ލަފާކުރެ އެވެ.
