ނައިޖީރިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމައްވާ ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝުއްކާ މަރާލާފައިވާ ކަމަށް ވާދަވެރި ޖަމާއަތަކުން ހާމަކޮށްފިއެވެ.

އިސްލާމިކް ސްޓޭޓް އޮފް ވެސްޓް އެފްރިކާ ޕްރޮވިންސް އިން ބުނެފައި ވަނީ އަބޫބަކުރު މަރުވެފައި ވަނީ ދެ ޖަމާއަތުގެ މެދުގައި ބަދަލު ކުރެވުނު ހަމަލާތަކެއްގައި، އޭނާގެ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން ކަމަށެވެ. ބޯކޯ ހަރާމްގެ ލީޑަރު މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްކޮށްފައިވެ އެވެ. ބޯކޯ ހަރާމުން އަދި ނައިޖީރިއާގެ ސަރުކާރުން ވެސް އޭނާ މަރުވިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސްގެ ލީޑަރު އަބޫ މުސާބް އަލް ބާނަވީގެ އަޑު ކަމަށް ބެލެވޭ އަޑަކުން ވާހަކަ ދައްކާ މީހަކު ބުނެފައި ވަނީ އޭނާގެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ބޯކޯ ހަރާމްގެ ލީޑަރު ހޯދައި އޭނާ ކުރި ކުށްތަކަށް މައާފަށް އެދި އެ ޖަމާއަތާ ގުޅެން ހުށަހަޅާފައި ކަމަށެވެ. ނަމަވެސް ބޯކޯ ހަރާމްގެ ލީޑަރު އިސްކުރީ އަމިއްލަ އަށް މަރުވުން ކަމަށް އެ އޯޑިއޯގައި ބުނެފައިވެ އެވެ.

ދެ ޖަމާއަތުގެ މެދުގައި މިދިޔަ މަހު ހިނގި ކުރިމަތިލުމެއްގައި ބޯކޯ ހަރާމުގެ ލީޑަރު މަރުވެފައިވޭތޯ ސުވާލު ކުރުމުން ނައިޖީރިއާ ސިފައިންގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޔަރީމާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން ސިފައިން ބަޔާނެއް ނެރޭނީ ހެކި ލިބުމުން ކަމަށެވެ.

އެމެރިކާއިން ވަނީ، ބޯކޯ ހަރާމްގެ ލީޑަރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި އޭނާގެ ބާރު ކަނޑުވާލި ބަޔަކަށް ހަތް މިލިއަން ޑޮލަރު ހުށަހަޅާފައެވެ.