ކެނެޑާއިން އިންޑިއާއަށް ދަތުރުކުރަން ތައްޔާރުވެފައި އޮތް އެއާ އިންޑިއާގެ ފްލައިޓެއްގެ ޕައިލެޓަކު، މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކު ކުރެވިގެން ބެލިއިރު، އެކަން ޔަގީންވުމާ ގުޅިގެން ފްލައިޓުން ބާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޓަށް މީހުން އަރުވައި، ފްލައިޓް ނައްޓާލަން ކުޑަތަންވެފައި ވަނިކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިކަން ފަޅާއެރީ ސެކިއުރިޓީ އޮފިޝަލުންނަށް ޕައިލެޓުގެ ގައިން ބަނގުރާ ވަސް ދުވާކަން ފާހަގަ ކުރެވުމުންނެވެ. އެކަމާ ގުޅިގެން ހެދި ބްރެތް އެނަލައިޒާ ޓެސްޓުން ޕައިލެޓް ވަނީ ބަނގުރަލަށް ޕޮޒިޓިވް ވެފަ އެވެ. މިއީ ވައިގެ ދަތުރުފަތުރުގެ އިންޓަނޭޝަނަލް ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް ވާތީ، ވަގުތުން އޭނާ ވަނީ ޑިއުޓީން އެކަހެރި ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އެއާ އިންޑިއާއިން ބުނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިނުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.