ޖަޕާނުގައި ދުނިޔޭގެ އެންމެ ބޮޑު "ސިންގަލް ޝެލް" ހަވާ އަރުވައި، ރޭގަނޑު މުޅި ސަރަހައްދު ދިއްލާލައިފިއެވެ.
ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ މި ބިޔަ ހަވާ އެރުވުމާއެކު، އުޑުމަތީގައި އުފެދުނު ކުލަގަދަ މަންޒަރުތައް ބެލުމަށް އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ. މިއީ ޖަޕާނުގެ ސަގާފީ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ.
މި ހަވާގެ ސައިޒަށް ބަލާއިރު، މިއީ ގާތްގަނޑަކަށް 420 ކިލޯގެ ބަރުދަން ހުރި އަދި ފުޅާމިނުގައި 1.2 މީޓަރު ހުންނަ ވަރުގެ ބިޔަ ހަވާއެކެވެ.
"ޔޮންޝަކުދާމާ" ގެ ނަމުން ނަން ދީފައިވާ މި ހަވާ ފަޒާއަށް އަރައި ގޮވައިގެން ދިއުމާއެކު، އޭގެ އަލިކަން ގާތްގަނޑަކަށް 800 މީޓަރުގެ ސަރަހައްދަކަށް ފެތުރިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ހަވާ އެރުވުމަށް ބޭނުންކޮށްފައިވަނީ ހާއްސަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ހަދާފައިވާ ބިޔަ ހޮޅިއެކެވެ.
މި ހަރަކާތުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ޖަޕާނުގެ މި ކުޅަދާނަ މަސައްކަތަށް ތައުރީފުކޮށްފައެވެ.
ޖަޕާނަކީ ޒަމާނުއްސުރެ ހަވާ އެރުވުމުގެ ފަންނުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. މި ފަހަރު އެރުވި ހަވާއަކީ އެ ގައުމުގެ ހަވާ އެރުވުމުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
